ހަބަރު

ޕީޕީއެމް ކައުންސިލް ބައްދަލުވުން ބާއްވަން މައުމޫން ނިންމަވައިފި

Jul 5, 2016

ފިތުރު އީދު ބަންދަށް ފަހު، ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.

އެ ޕާޓީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް މައުމޫން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކައުންސިލްގެ ވަކިވަކި މެންބަރުންނާ މައުމޫން ބައްދަލު ކުރައްވައި އެބޭފުޅުންގެ ހިޔާލު ހޯއްދަވަމުން އަންނަ ކަމަށް ވެސް ޕާޓީ އިން ބުންޏެވެ.

ބަޔާނުގައި ބުނީ، މައުމޫން މިހާރު ނިންމަވާފައި ވަނީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް އީދު ބަންދުގެ ފަހުން ބޭއްވުމަށެވެ. އެހެން ނަމަވެސް ތާރީހެއް ނުބުނެ އެވެ.

ޕާޓީގެ އެތެރޭގައި، އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ކައުންސިލްގެ މެޖޯރިޓީ ސޮއިކޮށް މައުމޫނަށް ސިޓީއެއް ވަނީ ފޮނުވައިފަ އެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ އެދިފަ އެވެ. އެހެން ނަމަވެސް މިއަދަށް ވަނީ ތިން ދުވަސް ހަމަވެފަ އެވެ.