ހަބަރު

ޕާޓީ ހުއްޓުމަކަށް ގެނައި މައްސަލައިގައި މައުމޫން ގޮވައިގެން ކޯޓަށް

ޕީޕީއެމްގެ ކައުންސިލާއި ކޮމިޓީތައް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަސްޕެންޑްކޮށްފައިވާ މައްސަލަ ޕީޕީއެމްގެ މަޖިލީހުގެ ތިން މެންބަރަކު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ މަޖިލީހުގެ މެންބަރަކު މިއަދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ޕާޓީގެ ކައުންސިލްގެ މަޝްވަރާއެއް ނެތި އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ރައީސްއަށް މަޝްވަރާ ދިނުމަށް މަޝްވަރާ މަޖިލީހެއް މައުމޫން އަމިއްލަފުޅަށް އެކުލަވާލައްވައި ޕާޓީގެ ހުރިހާ ގުނަވަންތަކެއް ސަސްޕެންޑްކޮށްފައިވާ މައްސަލަ އެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދެވެ.

އެކަމައި ގުޅިގެން "އަވަސް"އާ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމްއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި ނަމަވެސް މައުމޫން ވަނީ ޕާޓީގެ ބާރުތައް ނަންގަވައި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ފްރީޒް ކޮށްފައި ކަމަށެވެ. އެހެންކަމުން ޕާޓީގެ ގިނަ މެންބަރުން ބޭނުން ވަނީ މަސައްކަތް އަލުން ފަށައި ހިނގައިގަތުމަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދުގެ 37 ވަނަ މާއްދާއާ ހިލާފަށް ޕާޓީގެ އެންމެ ގުވަންތައް ސަސްޕެންޑު ކުރެއްވި މައްސަލަ އާއި 39 ވަނަ މާއްދާގެ ދަށުން ކައުންސިލާ މަޝްވަރާ ނުކޮށް މަޖިލީހެއް އުފައްދަވާގެން އުޅުއްވާ މައްސަލަ ހިމެނެ އެވެ.

"ޕާޓީގެ ހިންގާ ގަވާއިދުގެ ފަސް ވަނަ މާއްދާގައި ވާނެ ޕާޓީގެ ޖަލްސާ މަހަކު ދެފަހަރު ބާއްވަން ޖެހޭ ކަމަށް. އެގޮތަށް އަމަލު ނުކުރައްވާތީ އެ މައްސަލައަށް ފިޔަވަޅޫ އެޅުމަށް ވެސް ކޯޓަށް ހުށަހަޅާފައިވާނެ،" ޝިޔާމް ވިދާޅުވި އެވެ.

މައުމޫންގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ އިރު މިއަދު ވަނީ މައުމޫންއާ ބެހޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ފެންމަތިވެފަ އެވެ. އަދި އެ މައްސަލަ އޭސީސީއިން ބަލާނެ ކަމަށް ވެސް އެއިދާރާ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އީސީ އިން ވެސް ވަނީ ގަވާއިދާ އެއްގޮތަށް ޕާޓީ ހިންގަން ގޮވާލައިފަ އެވެ.