ހަބަރު

ނިހާނާއި އަދުރޭގެ މައްސަލައެއް ވެސް ސުލޫކީ ކޮމެޓީއަށް

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ އަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް މައްސަލައެއް ވައްދައިފި އެވެ.

ނިހާންއާ ދެކޮޅަށް އާންމު މެންބަރަކު ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ޕީޖީ ގުރޫޕްގެ ނިންމުންތައް ނިންމަނީ ޕާޓީގެ ކައުންސިލާއި ޕާޓީގެ ރައީސްގެ މަޝްވަރާއެއް ނެތި ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތަށް ދައުރު ނިމުމުން ރިޕޯޓު ހުށަހަޅާފައިނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެއިތުރަށް ޕީޖީ ގުރޫޕްގެ ނިންމުންތައް ޕާޓީގެ މައިގަނޑު އުސޫލުތަކާއި ސިޔާސަތުތަކާއި ހިލާފުވެފައިވާތީ އެކަން ބަލައިދީ ފިޔަވަޅު އަޅައިދިނުމަށް ހުށަހަޅި މައްސަލާގައި ވަނީ އެދިފަ އެވެ.

އަބްދުއްރަހީމާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ޕާޓީގެ ރައީސްގެ ގަދަރާއި ޝަރަފަށް އަދި ހައިބަތާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އެކިއެކި މީޑިއާތަކުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި ޕާޓީގެ އިތުބާރު ގެއްލިފައިވާތީ އެ މައްސަލަތައް ބަލައިދީ ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފަ އެވެ.

ނިހާނާއި އަބްދުއްރަހީމްއާ ދެކޮޅަށް މިއަދު ސުލޫކީ ކޮމެޓީއަށް ވައްދާފައިވާއިރު ނިހާންގެ އެދުމުގެ މަތިން ފާރިސް މައުމޫންގެ މައްސަލަ އެ ކޮމެޓީން ވަނީ ބަލަން ފަށާފަ އެވެ. އަދި މިއަދު ވަނީ ރައީސް މައުމޫން ޕާޓީ ހުއްޓުވާފައިވާތީ، އެ މައްސަލަ ވެސް ސުލޫކީ ކޮމެޓީއަށް ވައްދާފަ އެވެ.