ރައީސް އަބްދުﷲ ޔާމީން

ޕާޓީގެ މައްސަލަ މަޝްވަރާއިން ހައްލު ކުރުން ނޫން ޗޮއިސްއެއް ނެތް: ރައީސް

  • މައްސަލަ ހައްލުވާނީ މަޝްވަރާ މޭޒު ކައިރިން
  • އެހެން ނޫނީ މިކަން ވާނީ އިދިކޮޅަށް ލިބޭ ހަދިޔާއަކަށް
  • ރައީސަށް ފުރުސަތު ދިނުމަށް އެދިވަޑައިގެންނެވި

ޕީޕީއެމް އެތެރޭގައި ޖެހިގެން އުޅޭ މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށާއި މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރެވެންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ މިރޭ ދެއްވި ތަގުރީރުގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަންކުރާ އަދި ރާއްޖޭގައި އޮތް އެންމެބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްގެ ތެރޭގައި މައްސަލަތައް ހުރިކަމުގެ ހަބަރު އެނގިގެން ދިޔުމަކީ ހިއްދަތިކަމާއި ނުތަނަވަސްކަން ލިބިގެން ދިޔަ ކަމެއް ކަމަށެވެ. ނަމަވެސް ޕީޕީއެމް ތެރޭގައި މައްސަލަތަކެއް އުޅެން ޖާގަ ނުދެއްވާނެ ކަމަށާއި އެ ޕާޓީއަކީ އެއް ވިސްނުމެއްގައި ރާއްޖެ ބިނާކުރަން ނިކުތް ޕާޓީއެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި މައްސަލަ ހައްލު ކުރުން ނޫން އިތުރު ޗޮއިސްއެއް ނެތް ކަމަށާއި އެކަން ކަން ހައްލު ނުވުމަކީ މީގެ ހަތަރު އަހަރު ކުރީގެ ރާއްޖެއަށް ދިވެހިން ރުޖޫއަވުން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ޖެހިގެން އުޅޭ މައްސަލައަށް ހައްލު ހޯދަން ހުރިހާ މެންބަރުން އެކަތިގަނޑަކަށްވުމަށާއި އަދި މައްސަލަ ހައްލުވާނީ މަޝްވަރާ މޭޒު ކައިރިން ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި މައްސަލަތަކެއް އުޅެންޖެހޭ ސަބަބެއްނެތް ކަމަށާއި ޕީޕީއެމަކީ އެއްބަނޑުއެއްބަފާ އަޚުންނާއި އުޚުތުންތަކެއް އުޅޭ ޕާޓީއެއް ކަމަށެވެ. އަދި އެއީ އެއް ވިސްނުމެއްގައި، އެއް ފިކުރެއްގައި ރާއްޖެ ބިނާކުރަން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެން ދުށިން، މީގެ ހަތަރު ފަސް އަހަރު ކުރިން ރާއްޖޭގައި އައިސްފައި އޮތް ވެރިކަން. ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ކަންތައްތައް ކުރުމާއި، އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވީރާނާވަމުންދާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. މިކަންކަމަށް ޙައްލު ހޯދުމަށްޓަކައި ވަރަށްގިނަ ފަރާތްތަކެއް ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވަނީ މިހާރު މިއޮތް ސަރުކާރު އައުން،" ރައީސް ވިދާޅުވި އެވެ. "ޕާޓީގެ އާންމު މެންބަރުންނަށް މި އިލްތިމާސް ކުރަނީ، މި ހައްލު ހޯދުމުގައި ހުރިހާ ބޭފުޅުން އެކަތިގަނޑަކަށްވެވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އުޞޫލުތަކާ އެއްގޮތަށް، ކަންކަން ނިންމުމަށް، އަޅުގަނޑުމެން ޕާޓީގެ އިސް މީހުންނަށް ހިތްވަރު ދެއްވާ. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް ޙައްލުވެގެންދާނީ މަޝްވަރާ މޭޒު ކައިރިން. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް ޙައްލުވުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް. މި ސަރުކާރު މިއައީ ރައްޔިތުންނަށް ޚިދުމަތް ކުރަން. އެހެންވީމާ، ސަރުކާރަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ދެއްވަން އެބަޖެހޭ،"

ރައީސް ވިދާޅުވީ ޕީޕީއެމްގައި ވެސް ޕާލިމެންޓަރީ ގްރޫޕާއި މަޝްވަރާ ކައުންސިލެއް އޮންނާނަ އިރު އެ ދެ މަޝްވަރާ މަޖިލީށް މެދުވެރިކޮށް، މައްސަލަތައް ހައްލުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް ތަރައްގީ ގެނައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ތަރައްގީއާ ޒުވާނުނަށް ރަނގަޅު ތަރުބިއްޔަތަކާއެކު، އަންނަން އޮތް ޖީލުގައި މަސައްކަތް ކުރަން ރައީސްއަށް ފުރުސަތު ދިނުމަށް ވެސް ރައީސް ޕީޕީއެމް މެންބަރުންނަށް ގޮވާލެއްވި އެވެ.

"އަޅުގަނޑު އެދެނީ ހުރިހާ ފަރާތަކުންވެސް މަޞްލަޙަތަށް ލޯބިކުރެއްވުން. މަޞްލަޙަތަށް ލޯބި ކުރަންޖެހެނީ، މުޅި ދިވެހިރާއްޖޭގެ، މުޅި ދިވެހިރާއްޖޭގެ މަޞްލަޙަތަށް ލޯބިކުރާ ބަޔަކު، އަޅުގަނޑުމެންގެ ޕާޓީގައި ތިބޭތީ. މި ރާއްޖެ މިހާރު މިއޮތް ހިސާބުން އިތުރު ގޯހެއްވާކަށް ފުރްޞަތު ދެވޭކަށް ޖާގައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު އިލްތިމާސް ކުރަނީ، އަޅުގަނޑުމެން ޕާޓީގެ ހުރިހާ ފަރާތްތަކަށް، މަޝްވަރާ އިސްކުރުމާއެކީ އަޅުގަނޑުމެންގެ ތެރޭގައި މިހިރަ މައްސަލަތައް، މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި، މުޅި ރައްޔިތުންގެ ޙައްޤުގައި މި މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާ ކުރަން، މި ހިތްވަރު އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އިރާދަކުރެއްވިއްޔާ، މި ހިތްވަރު އަޅުގަނޑުމެންނަށް ލިބޭނެ. މިނޫންގޮތަކަށް މިކަން ކުރެވިއްޖެ ކަމަށްވަންޏާ، މިއީ އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކަށް، ނޫނިއްޔާ ރާއްޖޭގެ ތަރައްޤީއަށް ހުރަސްއަޅަން ހުރި ފަރާތްތަކަށް ލިބޭ ޢީދުގެ ބޮޑު ހަދިޔާއެއް. މި ހަދިޔާދޭކަށް އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރާ އެއްވެސް މީހަކު މި ހަދިޔާދޭކަށް ބޭނުމެއްނުވާނެ،"