ރައީސް އަބްދުﷲ ޔާމީން

ކުޑަކުދިންނަށް ރައީސް ދެއްވާ ހަދިޔާ: ސަލްޓަން ޕާކު މިއަހަރު ހުޅުވަނީ

ކުޑަކުދިންނަށް ރައީސް ދެއްވާ ހާއްސަ ހަދިޔާއެއް ގޮތުން މިއަހަރު ތެރޭގައި ސަލްޓަން ޕާކު ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ގައުމާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ ކުޑަކުދިންނަށް އުފާވެރިކަން ލިބޭނެ، ފޫހިފިލާނެ ތަނެއްގެ ގޮތުގައި ސަލްޓަން ޕާކް މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފިތުރުއީދުގެ އުފާ އަޅުގަނޑުމެން މި ފާހަގަ ކުރަނީ، ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދަ ހިފުމުގެ ހެޔޮ ތައުފީގު މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ކަމަށްޓަކައި އެކަލާނގެ ހަޒުރަތުގައި ހަމްދާއި ޝުކުރު ދަންނަވަމުން ކަމަށެވެ.

މީގެ އިތުރުން ރައީސް ޒުވާނުންނަށް ދެއްވާ މެސެޖެއްގެ ގޮތުގައި ސިނގިރޭޓު ނުބުއިމަށާއި ގޯސްކަންތައްތަކުން ދުރުހެލިވުމަށް އެދި ވަޑައިގެން ޒުވާނުންނަކީ ރަނގަޅު ތަޢުލީމު ހާޞިލް ކޮށް މަސައްކަތްކުރާ ބަޔަކަށްވުމަށާ މަސްތުވާތަކެތި ބޭނުންކުރުމާ ދުރުހެލި ބަޔަކަށް ވުމަށް އެދި ވަޑައިގެންނެވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކްފާންގެ މަގްސަދަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުން ކަމުގައި ކަމަށާ އެމަނިކުފާނު ބޭނުންފުޅުވެލައްވާ ތަރައްގީ ގެނައުމަށް ފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ.