ހަބަރު

ދުންޔާ ދިއުމުން ދެރަވޭ: މައުމޫން

ފޮރިން މިނިސްޓަރު ކަމުން ދުންޔާ މައުމޫން މިއަދު އިސްތިއުފާ ދެއްވުމުން އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތައުރީފު ކުރައްވައި، އަދި އެކަމާ ހިތާމަ ފާޅު ކުރައްވައިފި އެވެ.

ޕީޕީއެމް ދެބައިވެ ކޯޅުގަނޑެއް ކުރިޔަށްދާ ދުވަސްކޮޅެއްގައި ދުންޔާ އިސްތިއުފާ ދެއްވުމުގެ ގަޑިއިރެއް ކުރިން ވަނީ ފާރިސް މައުމޫން ޕީޕީއެމް އިން ވަކިކޮށްފައެވެ. ނަމަވެސް ދުންޔާ ވިދާޅުވީ އެކަމަނާ އިސްތިއުފާ ދެއްވީ މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ސަރުކާރާ ހިޔާލު ތަފާތުވެގެން ކަމަށެވެ.

އެކަމާ ގުޅިގެން މިރޭ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ދުންޔާ ކުރެއްވި ފުރިހަމަ މަސައްކަތްތަކަށް ޝުކުރު އަދާ ކުރާ ކަމަށާއި އަދި މަގާމުން ވަކިވެގެންދާތީ އެކަމައި ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް ދުންޔާ އަކީ ފަހުރުވެރި، ދަރިއެއްގެ ގޮތުގައި މައުމޫން ސިފަކުރެއްވި އެވެ.

އިސްތިއުފާ ދެއްވުމަށް ފަހު ދުންޔާ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި މަރުގެ ހުކުމް ތަންފީޒުކޮށްފިނަމަ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ތަސަައްވުރު ކިލަނބުވެގެންދާނެ ކަމަށާއި ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ވެސް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.