ރާއްޖެ ކުޅިވަރު

މާޒިޔާ އަށް ޕްރެޝަރެއް ނެތް: ސުޒޭން

 

 

 

 

 

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާދަމާ ފިލިޕީންސްގެ ޗެރަސް އެފްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި މެޗު ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން މިއަދު ބުނެފި އެވެ.

މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ ޕްލޭއޮފް މެޗުން ބަލިވެއްޖެ ނަަމަ މާޒިޔާ އޭއެފްސީ ކަޕުން ކެޓިޔަސް، އެކަމާމެދު މި ވަގުތު ވިސްނަންނުޖެހޭ ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންނަށް އަދި އޭނަ އަށް ވެސް ޕްރެޝަރެއް ނެތް ކަމަށެވެ.

"ކުޅުންތެރިން ހިޔެއްނުވޭ ޕްރެޝަރެއް ނަގާނެހެން. އަޅުގަނޑަށް ޕްރެޝަރެއް ނެތް. މެޗުގެ ނަތީޖާ އަށް ފަހު ވާނެ ގޮތަކާމެދު ނުވިސްނަން މި ވަގުުތު. މި ވަގުތު މި ބަލަނީ މެޗުގެ ކުރިން (މެޗު ކާމިޔާބުކުރަން) ކުރެވޭނެ ކަންތައްްތައް ކުރުމަށް. ދެން މެޗުގެ ތެރެއިން މޮޅުވާން ކަންތައްތަކެއް ކުރާނީ. މެޗު ނިމިގެން ވާނެ ގޮތަށް ވިސްނުމަަށް ވުރެ އެކަންތައްތަކަށް ވިސްނުން ރަނގަޅީ،" ސުޒޭން ބުންޏެވެ. "މާޒިޔާގައި މި އޮތީ ވަރުގަދަ ޓީމެއް. މިހާރު މާދަމާ މެޗުން ބަލިވެއްޖެ ނަމަ އޭއެފްސީ ކަޕުން ކަޓާނީ. ލީގުގައި ނިއު އަށް ވުރެ މަދުން ޕޮއިންޓް ލިބިއްޖެ ނަމަ ލީގު ގެއްލޭނެ. އެފްއޭ ކަޕްގެ ފުރަތަމަ މެޗުން ބަލިވެއްޖެ ނަމަ އެ މުބާރާތުން ކަޓާނެ. އެއީ މި ވަގުތު ހާލަތު އޮތް ގޮތަކީ."

ސުޒޭން ބުނީ ޕްލޭއޮފް މެޗު އަމިއްލަ ދަނޑުގައި ކުޅެން ލިބުމަކީ ޕީޕަލްސް ކަޕްގެ ރަަނަރަޕް މާޒިޔާ އަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. އަދި ޗެރަސް އަކީ ވަރުގަދަ ޓީމަކަށް ވިޔަސް، މާޒިޔާ ކުޅުންތެރިން "އެންމެ މަތީ ލެވެލްގައި" ކުޅެފި ނަމަ މާޒިޔާ މޮޅުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ކުޅުމަށް ވުރެ ބޮޑު އެޑްވާންޓޭޖެއް ނޯންނާނެ. އަޅުގަނޑުމެން މިހާރު އޮތް ފޯމުގައި ކުޅެފިއްޔާ ރަނގަޅުވާނެ،" ސުޒޭން ބުންޏެވެ. "އަމިއްްލަ ދަނޑުގައި ކުޅޭއިރު ސީނިއާ ކުޅުންތެރިން އެންމެ ރަނގަޅު ފޯމުގައި ކުޅެފިއްޔާ މައްސަލައެއް ދިމައެއްނުވާނެ."

ސުޒޭން ބުނީ ދާދި ފަހުން ނިއު ރޭޑިއަންޓް އިން މާޒިޔާއާ ގުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު މާދަމާގެ މެޗުގައި މާޒިޔާގެ ފުރަތަމަ 11ގައި ކުޅޭނެ ކަމަށެވެ. އަދި އުމެއިރުގެ ފަރާތުން މާޒިޔާ އަށް ފައިދާކުރާނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.

އުމެއިރަކީ ކޮންމެ ހިސާބަކުން ވެސް ގޯލެއް ޖަހާފާނެ ކުޅުންތެރިއެއް. އުމެއިރުގެ ފަރާތުން މާޒިޔާ އަށް ފައިދާކުރާނެ ކަމަށް ގަބޫލްކުރަން،" ސުޒޭން ބުންޏެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ ޕީޕަލްސް ކަޕާއި ދިއްދޫ އަށް ކުރި ޓުއާ އަށް ފަހު މާޒިޔާގެ ޓީމު އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި ޗެރަސް އަކީ ވަރުގަދަ ޓީމަކަށް ވިޔަސް، އެއީ މާޒިޔާ އަށް ބަލިނުކުރެވޭ ފެންވަރުގެ ޓީމެއް ނޫން ކަމަށެެެވެ.

"މާޒިޔާގެ ތިބި ބިދޭސީ ކުޅުންތެރިންނާއެކު، އެހެން ކުޅުންތެރިން ވެސް ރަނގަޅު ފޯމެއްގައި ކުޅެފިއްޔާ ރަނގަޅު ނަތީޖާއެއް ނެރެވޭނެ،" އަސަދުﷲ ބުންޏެވެ.

އަސަަދުﷲ ބުނީ މާދަމާގެ މެޗުގައި މާޒިޔާ އަށް ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް މުހިންމު ކަމަށާއި ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަކީ އެ ކްލަބުގެ އެދުމެއް ކަމަށެވެ.