ރައީސް އަބްދުﷲ ޔާމީން

ގިނަ ބަޔަކާ ބައްދަލުކުރައްވާ ރައީސް އީދު ސަލާމް ކުރައްވައިފި

Jul 6, 2016
5

މިއަދުގެ ފިތުރު އީދު ނަމާދަށް ފަހު އީދުގެ މުނާސަބަތުގައި ގިނަ އަދަދެއްގެ ރައްޔިތުންނާ ރައީސް އަބްދުﷲ ޔާމީން ބައްދަލު ކުރައްވައި އީދު ސަލާމް ކުރައްވައިފި އެވެ. އެހެން އަހަރުތަކާ ހިލާފަށް ރައީސް އީދު ސަލާމް ކުރެއްވުން މިފަހަރު އޮތީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

އީދު ނަމާދަށް ފަހު ގިނަ އަދަދެއްގެ އާއިލާތައް ވަނީ ރައީސް އާ ބައްދަލުކޮށް އެމަނިކުފާނަށް ފިތުރު އީދުގެ ތަހުނިޔާ ދަންނަވައިފަ އެވެ. އީދު ސަލާމް ކުރުމަށް ރައީސްއާ ބައްދަލު ކުރެއްވި ފަރާތްތަކަށް ރައީސް ވެސް ވަނީ އީދުގެ ތަހުނިޔާ ދަންނަވައިފަ އެވެ. މިއަދު ހެނދުނު 9:30 އާ ހަމަޔަށް އީދު ސަލާމް ކުރުން ކުރިއަށް ދިޔައިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޭރުގެ ބައެއް ފަރާތްތައް ވެސް ރައީސާ ބައްދަލުކޮށް އީދު ސަލާމް ކުރި އެވެ. އަދި އީދު ސަލާމް ކުރަން ދިޔަ މީހުންގެ އިހުސާސްތައް ވަނީ ރައީސް އަޑުއައްސަވާފަ އެވެ. އަދި ބައެއް އާއިލާތަކާއެކު ރައީސް ވަނީ ފޮޓޯ ވެސް ނަންގަވާފައެވެ.

އާންމުންގެ އިތުރުން ޝަރުއީ ދާއިރާގެ ފަރާތްތަކާއި މަޖިލީހުގެ މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ކުންފުނިތަކުގެ ވެރިން ވަނީ ރައީސްއާ އީދު ސަލާމް ކުރެއްވި އެވެ. އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި ކުޅިވަރުގެ ސަހުސިއްޔަތުންނާއި އެހެން ވެސް ދާއިރާތަކުން ފާހަގަކޮށްލެވޭ ސަހުސިއްޔަތުން ރައީސްއާ އީދު ސަލާމް ކުރެއްވި އެވެ.

ކޮންމެ އަހަރަކު ވެސް އީދުގެ މުނާސަބަތުގައި ރައީސް ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އީދު ސަލާމް ކުރައްވަ އެވެ.

އީދު ސަލާމްގެ ކުރިން ރައީސް ރޭ ވަނީ އެންމެހާ ރައްޔިތުންނަށް އީދުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ގައުމާ މުހާތަބު ކުރައްވައިފަ އެވެ. އަގުހުރި ނަސޭހަތްތަކަކާ އެކު ރައީސް އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ވިދާޅުވީ، ފިތުރު އީދަކީ ވެސް އުފާވެރި މުނާސަބަތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޒުވާނުންނާއި ކުޑަކުދިންނަށް އީދުގެ ތަހުނިޔާ ފޮނުއްވަމުން ވިދާޅުވީ، ހަދިޔާއެއްގެ ގޮތުގައި ސަލްޓަންޕާކް ތަރައްގީކޮށް ވަރަށް އަވަހަށް ނިންމައި އުފާވެރި ޒަމާނީ ޕާކެއްގެ ގޮތުގައި އެތަން ހުޅުވާލާނެ ކަމަށެވެ. ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުން ގައުމަށް ދިމާވެފައި ހުރި އެތައް މައްސަލައަކަށް ހައްލު ލިބި، އާންމުންގެ ތަކުލީފުތަކަށް ލުޔެއް ލިބިގެންދާނެ އެވެ.