ހަބަރު

އއ. އަތޮޅަށް އައީ އުފާވެރި އީދެއް ނޫން: ހިތާމަވެރި ދެ މަރު!

Jul 6, 2016
12

މޫދަށް އެރިއުޅުމުގެ ތެރޭގައި މިއަދު ދިމާވި ދެ ހާދިސާއެއްގައި އއ. އަތޮޅުން ދެ މީހަކު މަރުވެއްޖެ އެވެ. އެންމެ ފުރަތަމަ ހާދިސާގައި މަރުވެފައި ވަނީ އެ އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރި ފްރާންސްގެ ޓޫރިސްޓެކެވެ. އަދި ދެ ވަނަ ހާދިސާގައި މަރުވީ ދިވެއްސެކެވެ.

އެންމެ ފުރަތަމަ ހާދިސާ ހިނގާފައި ވަނީ އއ. އަތޮޅު ނިކަ ރިސޯޓް ފަޅު ތެރޭގައި ސްނޯކަލިންއަށް ގޮސް އުޅުނު ފްރާންސްގެ ޓޫރިސްޓަކު ގެބިގެންނެވެ. މިއަދު މެންދުރު ހިނގި އެ ހާދިސާގައި އޭނާ ވަނީ މަރުވެފަ އެވެ.

ދެވަނަ ހާދިސާގައި މަރުވެފައި ވަނީ، އއ. އުކުޅަސް ކައިރީގައި އޮންނަ މާތިލައަށް ފީނަން ގޮސްއުޅުނު، އެ ރަށު އިރުމަތީގެ، އަލީ ފިޒާލް 28 އަހަރެވެ. އެ ރަށާ ދެ މޭލު ބޭރުގައި އޮންނަ މާތިލައަށް ފީނަން ގޮސް އުޅެނިކޮށް އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ތިލައިގެ 43 މީޓަރު އަޑިންނެވެ.

އެ އަތޮޅު ކުރަމަތި ރިސޯޓަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ ރަހުމަތްތެރިން ބުންޏެވެ. އަދި ފިޒާލް ނަގައިގެން ގެންދިޔަ އިރުވެސް އަގަ އާއި ނޭފަތުން ހޯސްލާފައި ލޭ އަންނަމުން ދިޔަ ކަމަށާއި އޭނާގެ ހަރަކާތް ވެސް އެކީ ހުއްޓިފައިވާ ކަމަށް ވެސް ރަހުމަތްތެރިޔާ ބުންޏެވެ.

ފިޒާލް އަކީ އާންމުކޮށް ވެސް އެ ސަރަހައްދަށް ފީނަށް ދާ ޒުވާނެއް ކަމަށްވެ އެވެ. އޭނާ މަރުވި އިރު، އަންބަކާއި ކުޑަ ކުއްޖަކު އެބަ ހުއްޓެވެ.