ހަބަރު

ލަންކާގައި އުޅޭ ދިވެހިންގެ އީދު ފާހަގަ ކުރުން މާ ފޯރިގަދަ

Jul 6, 2016
1

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ފިތުރު އީދު ފާހަގަ ކުރަން ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް އެބަ ގެންދެ އެވެ.

ހައިކޮމިޝަނުން އިސްނަގައިގެން ލަންކާގައި ހުންނަ ސޯސަންވިލާގައި އީދު ފާހަގަ ކުރުމުގެ ހަރަކާތްތައް ދިވެހިން ފެށީ، ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުންނެވެ. އެއަށް ފަހު ލަންކާގައި އުޅޭ ދިވެހިންނަށް ތައްޔާޜުކޮށްފައިވާ ސައެއްގައި ގިނަ ދިވެހިން ބައިވެރިވެ، އެކަކު އަނެކަކަށް އީދު ސަލާމް ކޮށް ދުވަހުގެ ހެޔޮ އެދުންތައްކި އެވެ.

ލަންކާގައި ހުންނަ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ، މުހައްމަދު ހައިޒޫމް ވިދާޅުވީ، އީދު ފާހަގަ ކުރުމަށް ލަންކާގައި އުޅޭ ހުރިހާ ދިވެހި އާއިލާތަކުން ބައިވެރިވެގެން ބޭއްވި ވާދަމުމާއި ބަށި މެޗެއް ހެނދުނު އޮތެވެ. އަދި ހަވީރު އޮތީ ފުޓްސެލް މެޗަކާއި ހޭންޑް ބޯލް މެޗެއް ކަމަށް ހައިޒޫމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު ކުޑަކުދިންނަށް ހާއްސަ ހަވީރެއް ވެސް، ސޯސަންވިލާގައި މިއަދު ހަވީރު ބާއްވާފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް ހުރިހާ ދިވެހި އާއިލާތައް ވެގެން ޓީމް ވޯކެއް ގޮތަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް މިއީ. މީގެ މަގުސަދަކީ ގައުމުން ބޭރުގައި އުޅުނަސް، މިހެން އަންނަ އުފާވެރި ދުވަސްތަކުގައި ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުކޮށް އެކުވެރި އެއްބައިވަންތަ މާހައުލެއް ދިވެހިންގެ މެދުގައި އުފެއްދުން،" ހައިޒޫމް ވިދާޅުވި އެވެ.

އީދު ކުޅިވަރުތައް ނިންމާލުމުގެ ގޮތުން ސޯސަންވިލާގައި އޮތީ، ވަރަށް ފޯރި ގަދަ މިޔުޒިކް ޝޯ އެކެވެ. ހައިޒޫމް ވިދާޅުވީ މިރޭ ބާއްވާ މިޔުޒިކް ޝޯގައި މޯލްޑިވިއަން އައިޑޮލްގެ ތަރިން ކަމަށްވާ، ޝަލަބީ އާއި އިޝާން އަދި ޒަލީފް ލަވަތައް ހުށަހަޅައިދޭނެ އެވެ. އަދި މީގެ އިތުރުން ލަވަކިޔުންތެރިޔާ ޝަމީއު އަދި ހަންނާނުގެ ކުޅަދާނަ ލަވަތައް ވެސް ފެނިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޝޯގައި ލަންކާގައި އުޅޭ ދިވެހިންގެ ފަރާތުން ވެސް އެކި އައިޓަމްތައް ހުށަހަޅައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

"މިރޭގެ ޝޯ ވަރަށް ފޯރިގަދަވާނެ. މިއީ މިފަހަކަށް އައިސް ލަންކާގައި ދިވެހިން އެންމެ ފޯރީގައި އީދު ފާހަގަ ކުރާ އަހަރު،" ހަރަކާތްތައް އިންތިޒާމް ކުރުމުގައި އުޅޭ ފަރާތަކުން ބުންޏެވެ. "ގައުމާ މިހެން ބޭރުގައި އުޅޭ އިރު އަސްލު މިކަހަލަ ހަރަކާތްތަކެއްގައި ބައިވެރިވެ މަޖާކޮށްލަން ލިބުނީމާ ހުރިހާ ދިވެހިން ވެސް ތިބެނީ ވަރަށް އުފަލުން،" އެ ހަރަކާތްތައް ޗެނަލް 13 އިން ވަގުތުން ދަނީ ގެނެސްދެމުންނެވެ.

ކުރީގެ އެމްބަސީއެއްގެ ގޮތުގައި ބޭނުން ކުރި ސޯޝަންވިލާގައި މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗާ ސެންޓަރެއް ހަދާފައިވާ އިރު އެތަނުން ދިވެހިންނަށް ހާއްސަކޮށް ގިނަ ކަންތައްތަކެއް އިންތިޒާމްކޮށްގެން ހިންގަ އެވެ. އެގޮތުން ލަންކާގައި ކިޔަވާ ދިވެހި ކުދިންނަށް ގުރުއާން، އިސްލާމް އަދި ދިވެހި ކްލާސްތައް އަންނަނީ ނަގައިދެމުންނެވެ. އަދި ދިވެހިންނަށް ހާއްސަ ޖިމަކާއި ފުޓްސަލް ދަނޑެއް އަދި ކުޅިވަރު އެރީނާއެއް ސޯސަންވިލާގައި ވަނީ ހަދައިފަ އެވެ.

"ރައީސް ޔާމީންގެ ސަރުކާރުން އަސްލު ވަރަށް ގިނަ ކަންތައްތައް ކޮށްދީފައި މި އޮތީ ލަންކާގައި އުޅޭ ދިވެހިންނަށް. ކުރިން މި ސޯސަންވިލާ އޮތީ ހަމަ ވީރާނާވެފައި. އެކަމަކު މިހާރު މިތަނުގައި ދިވެހިންނަށް ހުރިހާ ހިދުމަތެއްހެން އެބަ ލިބޭ،" ހައިޒޫމް ވިދާޅުވި އެވެ.

ލަންކާ އަކީ އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުން އަންނަ އެއް ގައުމެވެ.