އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާދަމާ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނައިރު، ޗެރަސް އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި މާޒިޔާ ބަލިކޮށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކުރަން ޖެހޭ ހުރިހަ ކަމެއް ކުރާނެ ކަމަށް އެ ޓީމުގެ ކެޕްޓަން ހުއާން ލުއިސް ގުއިރާޑޯ ބުނެފި އެވެ.
މެޗުގެ ކުރިން މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފިލިޕީންސްގެ ގައުމީ ޓީމަށް ވެސް ކުޅޭ ޑިފެންޑަރު ގުއިރާޑޯ ބުނީ މާޒިޔާއާ ބެހޭ މާ ގިނަ މައުލޫމާތެއް ނޭނގުނު ނަމަވެސް، އެ ޓީމަށް އިހުތިރާމްކުރާނެ ކަމަށެވެ. އަދި ޗެރަސް އޮތީ ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެފައި ކަމަށެވެ.
"ޗެރަސް އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި. މާޒިޔާއާ ބެހޭ މާ ގިނަ މައުލޫމާތެއް ނޭނގުނު ނަމަވެސް، އަހަރެމެން އެ ޓީމަށް އިހުތިރާމްކުރަން. މާޒިޔާ އަކީ އިންޓަނޭޝަނަލް މުބާރާތްތަކުގެ ތަޖުރިބާ ހޯދައިފައިވާ ކްލަބެއް. މި މެޗުން މޮޅުވެއްޖެ ނަމަ، މި ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕުން ޖާގަ ލިބުނީ. ހުރިހާ ކުޅުންތެރިން ވެސް ތިބީ އެކަން ހާސިލްކުރަން ބޭނުންވެފައި،" ރާއްޖޭގައި މިދިޔަ އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި ވާދަކުރި ފިލިޕީންސް ޓީމުގައި ހިމެނުނު ގުއިރާޑޯ ބުންޏެވެ.
މިދިޔަ އަހަރު ރާއްޖޭގައި އޮތް ޗެލެންޖް ކަޕްގެ ފައިނަލަށް ފިލިޕީންސް ދަތުރުކުރީ ސެމީ ފައިނަލްގައި ރާއްޖެ ބަލިކޮށްފަ އެވެ.
ގުއިރާޑޯ ބުނީ މިދިޔަ އަހަރު ރާއްޖޭގައި އޮތް ޗެލެންޖް ކަޕްގައި ވާދަކުރި ފިލިޕީންސް ޓީމުގެ ބައެއް ކުޅުންތެރިން ޗެރަސްގައި ހިމެނެ ކަމަށާއި އެ ކުޅުންތެރިން ރާއްޖޭގައި ހޯދި ތަޖުރިބާ މާދަމަގެ މެޗުގައި މުހިންމުވާނެ ކަމަށެވެ.
"ރާއްޖޭގައި އަހަރެން ވެސް ކުޅުނިން. ދިވެހިންނަކީ ވަރަށް ފުޓްބޯޅަ އަށް ލޯބިކުރާ ބައެއް. މެޗުތަކަށް ވެސް ވަރަށް ގިނަ ސަޕޯޓަރުން ވަދޭ. މާޒިޔާ ބަލިކުރަން ފަސޭހައެއް ނުވާނެ އަމިއްލަ ދަނޑުގައި ކުޅޭއިރު،" ގުއިރާޑޯ ބުންޏެވެ.
މާޒިޔާ އާއި ޗެރަސް ބައްދަލުކުރާ މެޗު ގަލޮޅު ދަނޑުގައި ފަށާނީ މާދަމާ ހަވީރު 1600ގަ އެވެ.
މި މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް އީ އިން ޖާގަ ލިބޭނެ އެވެ. މި ގުރޫޕްގައި އޮތީ އިންޑިއާގެ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީ އާޢި އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އަދި ސިންގަޕޫރުގެ ވޯރިއާސް އެވެ.