ޔޫރޯ 2016

އަމިއްލަ ފަސްގަނޑުގައި ފްރާންސަކީ އަބަދުވެސް ކާމިޔާބު ޓީމެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް މިރޭ، ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް ނުކުންނަ އިރު އަމިއްލަ ގައުމުގައި ކުޅޭއިރު، ފްރާންސް އަބަދުވެސް ވަރުގަދަވެފައި ރަނގަޅަށް ކުޅޭ ކަމަށް ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝެމްޕްސް ބުނެފި އެވެ.

މެޗްގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ޑެޝެމްޕްސް ބުނީ، މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނަނީ ފްރާންސްގެ ފުޓްބޯޅައިގެ ހަޔާތުގައި އަނެއްކާވެސް އާ ތާރީހެއް ލިޔަން ކަމަށެވެ.

"އެއްވެސް މީހަކަށް ތާރީހު ބަދަލެއް ނުކުރެވޭނެ، އެކަމަކު އާ ތާރީހްތަކެއް ލިޔަން އެބަހުރި އެކަން ކުރެވިދާނެ، ކުޅުންތެރިންނަށް އެތާރީހް ލިޔާނެ" ޑިޝެމްޕްސް ބުންޏެވެ.

ފްރާންސް ވަނީ 1984 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯއާއި 1998 ގައި ބޭއްވި ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފަ އެވެ. އަދި 1998 ގެ ބޭއްވި ވޯލްޑްކަޕް ފްރާންސް އުފުލައިލިއިރު، އެޓީމުގެ ކެޕްޓަނަކަށް ހުރީ ޑެޝެމްޕްސްއެވެ.

މިރޭ އިދިކޮޅަށް ނިކުންނަ ޖަރުމަނާ ބެހޭގޮތުން، ޑެޝެމްޕްސް ބުނީ މެޗަށް ނުކުންނާނީ އެ ޓީމަކީ ދުނިޔޭގެ ޗެމްޕިއަންކަން ދެނެގެން ކަމަށެވެ.

"އެޓީމަކީ އަބަދުވެސް އިދިކޮޅަށް ނިކުންނާ ޓީމުގެ މައްޗަށް ކޮންޓްރޯލް ހޯދައިގެން ކުޅޭ ޓީމެއް. ނަމަވެސް އެޓީމު އަތުލުމަށްޓަކައި އަހަރެމެންނަށް ޑިފެންސިވް ގޭމަކަށް ނުވިސްނާނަން" ޑިޝެމްޕްސް ބުންޏެވެ.

ފްރާންސާއި ޖަރުމަން ކުޅޭ ސެމީ ފައިނަލް މެޗް ފެށޭނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.