ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ފޯވަޑް އަސަދުﷲ އަބްދުﷲ އަށް ލިބިއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ އޮތް ހަވީޜު ސްޕޯޓްސް އެވޯޑްސް ނައިޓްގައި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަސަދުﷲ އަށް އެވޯޑް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ދޭ ހަވީރު ރަންބޫޓު ވެސް ހާސިލްކުރި އަސަދުﷲއާ މޮޅު ކުޅުންތެރިއާގެ މަގާމަށް އެންމެ ގާތުން ވާދަކުރީ ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ އަށް ދެވަނަ މަގާމު ލިބުނުއިރު، ތިން ވަނަ އަށް ދިޔައީ ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އެވެ.
ރަންބޫޓު ފުރަތަމަ ފަހަރަށް އަސަދުﷲ ހާސިލްކުރީ މިދިޔަ ސީޒަންގައި ޖެހި 30 ލަނޑާއެކު އެވެ. މިރޭގެ ހަފުލާގައި އަސަދުﷲ އަށް ރަންބޫޓު ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލެވެ.
ހަވީޜުގެ އެވޯޑަށް ވާދަކުރި ގަދަަ ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ މާޒިޔާގެ މުހައްމަދު އާރިފް (ބަކާ) އަދި އައްސަދު އަލީ (އަޑުބަރޭ) އެވެ.
ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ ފާއިތުވި ދެ އަހަރު ވެސް މި މަގާމު ހޯދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ ހައްވާ ރާޝިދާ އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު މުހައްމަދު ޝާއިން ހޯދިއިރު، އެ އުމުރު ފުރައިގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ އައިމިނަތު އަރީޝާ އެވެ.
ހަވީޜުން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް މި ފަހަރު ލިބުނ ގައުމީ ކްރިކެޓް ޓީމާއި ވިކްޓަރީގެ ކްރިކެޓް ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ކްރިކެޓް ކޯޗު ފާއިޒު ސަމަދެވެ.