މޯލްޑިވްސް ޕޮލިސް ސާވިސް

މައްސަލަ ޖެހުނު ފުލުސް މީހާ ވިލިނގިލިން ފޮނުވާލައިފި

ގއ. ވިލިނގިލީގެ ފަޅު ގެއެއްގެ ތެރޭގައި އެރަށު އަންހެނަކާއެކު ހުއްޓާ ފެނުނު ފުލުސް މީހާ އެ ރަށުން އެހެން ރަށަކަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުންގެ މައި އިދާރާއިން ބުނެފި އެވެ.

އަންހެނަކާއެކު ފަޅުގެއެއްގެ ތެރޭގައި ހުއްޓާ ފެނުނު ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ފުލުހެއްގެ މައްސަލަ ހޫނުވީ، އެރަށުގައި އެހެން މީހަކާ އިނދެގެން އުޅޭ އަންހެނަކާއެކު އޭނާ ފަޅު ގެއަކަށް ގޮސް ހުއްޓާ އެރަށުގެ ބަޔަކަށް އެ މަންޒަރު ފެނިގެން ރިޕޯޓު ކުރުމުންނެވެ.

ފުލުހުން އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ވިދާޅުވީ، އެ މައްސަލަ ރޭ ފުލުހުންނަށް ރިޕޯޓު ކުރުމާއެކު ތުހުމަތުކުރެވުނު ފުލުސް މުވައްޒަފު އެހެން ރަށަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މީގެ ފަހުން އޭނާ ވިލިނގިލީގައި ވަޒީފާ އަދާ ނުކުރާނެ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ބުންޏެވެ. އޭނާ ބަދަލުކުރީ ކޮން ރަށަކަށް ކަމެއް ފުލުހުންނެއް ނުބުނެ އެވެ.

"ރޭ އޭނާ ވަނީ އެރަށުން ބަދަލުކޮށްފަ. އޭގެ މާނައަކީ ދެން އޭނާ ވިލިނގިލީގައި މަސައްކަތެއް ނުކުރާނޭ. އަޅުގަނޑުމެން މިދަނީ އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން، ރަށު ކައުންސިލާއި އެހެންވެސް ތަންތަނުން އެ މައުލޫމާތު ސާފުކުރަމުން،" އިސްމާއީލް ވިދާޅުވި އެވެ.