ހަބަރު

އުލިގަމު މަސް ފިހުން: އެއްބައިވަންތަކަމުގެ މިސާލެއް!

ރޯދައަށް ފަހު ހަރޯދަ އީދުގެ އުފާވެރިކަން ގެންނަން ހއ. އުލިގަމުގައި ކުރަމުން އަންނަ ކަމެއް އެނގޭ ހެއްޔެވެ؟ އެއް ފަހަރާ އެތައް ސަތޭކަ މަސް ފިހަނީ އެވެ. ރަށް ދިގަށް ސަފު ދަމާލާފަ އެވެ. ފިހުނު މަހުގެ މިވަރު ކަމެއް ރާއްޖެއަކުން ނުފެންނާނެ އެވެ. ވަޅުޖެހެމުންދާ ސަގާފަތް ފަސްގަނޑު މަތީގައ އަލުން ބޯ ހިއްލާލަނީ ބައެއް ފަހަރު މިހެނެވެ. ރޯދަ މަހާއި ފިތުރު އީދު ނިމިގެން ދާއިރު އުލިގަމުގެ މަސް ފިހުމުން ދިވެހިންގެ އެއްބައިވަންތަ ކަމާއި ރީތި ސަގާފަތް ވަރަށް ރީއްޗަށް ދައްކައިދެ އެވެ.

އުލިގަމުގެ ބައެއް މީހުން ބުނާ ގޮތުގައި 30 ދުވަހުގެ ރޯދައަށް ފަހު އީދު ދުވަސް ފާހަގަ ކޮށްލުމުން އެއްބައިވަންތަކަން ނިމި ފުރަގަސް ދެވެ އެވެ. ރަށު ރައްޔިތުން އެކީގައި ކައި ހީނ ސަމާސާ ކޮށްލާ ތަނެއް ނުފެނެ އެވެ. އެހެންވެ އުލިގަމުގެ ރައްޔިތުން އަބަދުވެސް ބޭނުން ވަނީ އެ އެއްބައިވަންތަ ކަމާއި ސަގާފަތް ރަށުން ބޭރުވެގެން ދިޔަ ނުދީ ހިފަހައްޓާފައި ބާއްވާށެވެ. އަދި އެ އެއްބައިވަންތަ ކަމުގައި އެންމެން ބައިވެރި ކުރަން އަވަށްޓެރި ރަށްރަށުގެ މީހުން އެރަށަށް އެރުމަށް ގޮވާލާށެވެ. ޝައްވާލް މަހުގެ ހަ ރޯދަ އަށްފަހު ރަށު ރައްޔިތުން ގުޅިގެން ހާއްސަ މަސް ފިހުމެއް ބާއްވަނީ އެހެންވެ އެވެ. އުލިގަމު މަސްފިހުމުގައި ވަކި އުމުރެއް ނެތެވެ. ކުދި ބޮޑު އެންމެން މުޅި ރަށް އެއްކޮށެވެ.

އުލިގަމު މަސް ފިހުން ފެށިގެން އައީ ކޮން އަހަރަކު ކަމެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް މިދިޔަ 15 އަހަރަކީ ކޮންމެ ޝައްވާލް މަހެއްގައި ވެސް މެދުކެނޑުމެއް ނެތި މަސް ފިހުމުގެ ހަރަކާތް އުލިގަމު ރައްޔިތުން ކުރިއަށް ގެންދިޔަ 15 އަހަރެެވެ. ޒުވާން ގުރޫޕަކުން ފެށި މަސް ހިފުން ފުޅާވެ ރައްޔިތުންނަށް ބަދަލުވީ އެވެ. މިއަހަރުވެސް އެބައޮތެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ކޮންމެވެސް ގޮތެއް ހަދައިގެން އުތުރަށް ދަތުރުކޮށް ހޮނިހިރު ދުވަހުގެ ރެއަށް އުލިގަމަށް އަރައްޗެވެ. ހަރަކާތްތަށް އޭގެ ކުރިން ބަލައިލަން ފޭސްބުކްގައިވާ "އުލިގަމު މަސް ފިހުން" ގްރޫޕަށް ވެސް ވަދެލައްޗެވެ.

"ސީދާ ބުނާކަށް ނޭނގެ ކޮން އަހަރަކު ކަމެއް މިކަން ފެށީ. އަހަރުތަކެއް ވެއްޖެ މިކަން އޮންނަތާ... 2،000 ވަނަ އަހަރުން ފެށިގެންނޭ ބޮޑަށް ހަނދާންވަނީ. މުޅިން ޔަގީނެއް ނޫން، އެކަމަކު ބައެއް މީހުން ބުނާ ގޮތުގައި މިއީ އެތަކެއް ޒަމާންވެ ހުއްޓިފައި އޮތުމަށްފަހު ފެށި އަލުން އާލާވި ކަމެއް، އެ ހަގީގަތެއް ވެސް މާބޮޑަކަށް ނޭނގޭ،" އުލިގަމު މަސް ފިހުމާ ބެހޭ ގޮތުން ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު ވިދާޅުވި އެވެ.

"މިއަހަރު ވެސް އެބައޮތް މަސް ފިހުން، އަދި މިއީ ސަގާފަތެއްގެ ގޮތުގައި ދިރުވަން ބޭނުންވާ ކަމެއް. މިހާރު ތައްޔާރުވުންތައް ވެސް ފަށައިފިން، އިއްޔެ ނޫން ކުރީ ދުވަހު [މދިއަ ހުކުރު ދުވަހު] ދިޔައީ މިކަމަށް ބޭނުންވާ ދަރާއި ނާށި ހޯދަން، އެތަކެތި މިހާރު ހުންނާނެ ބަނދަރު ސަރަހައްދަށް ޖަމާކޮށްފައި،" ޒިޔާދު ވިދާޅުވި އެވެ.

ދަރާއި ނާއްޓޭ ބުންޏަސް އެއީއަކީ މަދަކު ބައިވަރެއް ނޫނެވެ. ފުނިޖަހާލާފައިވާ ދަރު ފުނި ފުންޏެވެ. ނާށި ފުނިތަކެވެ. ސަރާރު ދިގަށް ދަމާލާ ބޮޑު އުނދުނަށް ބޭނުންވާނެ އަނގުރު އަލިފާން އެންދުމަށެވެ. ބަޔަކު އުވަ ދަވާންވެސް އެވަރަށް ދަރު ޖަމައެއް ނުކުރާނެ އެވެ.

އުލިގަމު މަސް ފިހުމުގެ ހަރަކާތަށް ހަރަދުކުރަން ނިންމާފައިވާ ގޮތުންވެސް އެއްބައިވަންތަކަން ވަރަށް ބޮޑަށް ދޭހަކޮށްދެ އެވެ. ބޭނުންވާ ހުރިހާ ހަރަދެއް ކޮށްދޭން ރަށު ކައުންސިލް ތައްޔާރަށް އޮވެއެވެ. ނަމަވެސް ރައްޔިތުން ބޭނުންވީ އަމިއްލައަށް ހަރަދު ކުރާށެވެ. އޮންނަނީ ވެސް އެގޮތަށެވެ.

މަސް ހޯދާ ގޮތް އެނގޭ ހެއްޔެވެ؟ އެވެސް ހާއްސަ ކަމެކެވެ. ރަށުގެ ދެތިން ދޯނި އެކަމަށް ހުސްކޮށް މަސް ފިހުން އޮންނަ ދުވަހު މަހަށް ދަނީ އެވެ. އެދުވަހު އެއްވެސް ދޯންޏެއް އަމިއްލަ ބޭނުމަކު މަހަކަށް ނުދެ އެވެ. އެ ދުވަހު ބާނާނީ "މާސް މަސް ފިހުމަށް" ބޭނުން ކުރާނެ މަހެވެ. އަދި ގުރޫޕް ގުރޫޕަށް އެދުވަހު ދަނީ ހާއްސަ ހަރަކާތަށް ބޭނުންވާ މަސް ބާނާށެވެ. ވަކި ހާއްސަ ވައްތަރެއްގެ މަހެއް ނެތެވެ. ވިހަ އެއް ނޫނިއްޔާ ބޭނުން ކޮންމެ މަހެއްވެސް އެންމެ ރަނގަޅެވެ. ފަރު މަހެއް ވިޔަސް ކަނޑުމަހެއް ވިޔަސް އޯކޭ އެވެ. އެކަމަކު ތާޒާ މަހެވެ. ފިނިކުރި މަހުގައި މި ބޮޑު މަސް ފިހުމުގައި ލޮނު މިރުހެއް ނާޅާނެ އެވެ. މުޅިން ވެސް އެދުވަހު ބާނާ ނޫނީ ހިފާ ތާޒާ މަހެވެ.

ގާތްގަނޑަކަށް 300 އާއި 400 އާ ދެމެދުގެ އަދަކަށް މަސް ފިހާއިރު ހުރިހާ ގެއަކުން އެއްކޮށްލައިގެން ފިރިހެންވެރިން ފުނޑާލާ ބިޔަ ބޮޑު ލޮނު މިރުސްގަނޑާއި ސަފު ދަމާލާފައި މަސް ފިހާއިރު އުލިގަމުގައި ކުޅުދިޔައި ކޮށްލާނެ މީރު ވަސް ފަތުރާލާފައި އޮވެއެވެ. މިއަކީ އާދައިގެ ކަމެއް ނޫނެވެ.

"އެ ދުވަހު ބާނާ މަސް ބޭނުން ކުރަނީ، ކުރީބައިގައި ބާނައިގެން ފްރިޖްކޮށެއް ނުހަދަން، މަސްވެސް ބޭނުނު އަދަދެއް ހަމަ ރަނގަޅުވާނެ، މިއަހަރު މިބަލަނީ 350 އެއްހާ މަސް ފިހަން ކަމަށް، މިދިޔަ އަހަރުވެސް 600 އަށްވުރެ ގިނަ މަސް ފިހުނު، މިފަހަރު އަސްލު އިސްރާފްވެދާނެތީ ލިމިޓްކޮށްލަނީ، އެކަމަކު މަދުވާނެހެން ހީވަންޏާ އިތުރު ކުރާނެ، އަނެއްހެން އިސްރާފެއް ވެސް ނުވޭ، ހަމަ ކައި ހުސްވޭ،" ޒިޔާދު ވިދާޅުވި އެވެ.

ހަމަ އެކަނި މަސް ފިހަނީ އެއް ނޫނެވެ. ފިރިހެންވެރިންގެ އަތްމައްޗަށް މަސް ފިހުން ދޫކޮށްލާއިރު އަންހެންވެރިންނަށް ވެސް ހާއްސަކަމެއް އެބައޮތެވެ. މަހާއެކު ކާން މީރުކޮށް ބޮނޑިބަތް ކެއްކުމެވެ. މިކަންވެސް ކުރިއަށް ދާނީ މަސް ފިހުމުގެ ހަރަކާތް ކުރިއަށްދާ ސަރަހައްދުގަ އެވެ. ފަނުގެ އޮށިން މަސްފިހާ އޫ ހެދުމާ މިރުސް ތައްޔާރުކުރުމުގައި ވެސް ވަކި ގްރޫޕްތަކެއް ހަރަކާތްތެރިވާނެ އެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ރޭ އޮންނަ މި ހަރަކާތުގައި އުލިގަމު ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުން ވެސް މީހުން ބައިވެރިވާނެ އެވެ. އެއީ އަބަދުވެސް އޮންނަ ގޮތެވެ. އެއްބައިވަންތަ ކަމުގެ ދެވަނަ އެއްނެތް ހަރަކާތެކެވެ. ރީތި މީސާލެކެވެ.