އިންޑިއާ

ކަޝްމީރުގައި އިންޑިއާގެ ފުލުހުންނާ އާންމުންގެ ކުރިމަތިލުމެއްގައި ހަތް މީހުން މަރުވެއްޖެ

ކަޝްމީރުގެ އިސް ހަނގުރަމަ ވެރިއެއް އިންޑިއާގެ އަސްކަރިއްޔައިން މަރާލުމުން، އެކަމާ ދެކޮޅަށް މުޒާހަރަ ކުރި މީހުންނާ ދެކޮޅަށް އިންޑިއާގެ އަސްކަރީ ފުލުހުން ބާރުގެ ބޭނުން ކުރުމުން ހިނގި ހަމަނުޖެހުންތަކުގައި ހަތް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެ އެވެ.

ކަޝްމީރުގައި ހަރާކާތްތެރިވާ ހަނގުރަމަވެރި ގުރޫޕެއް ކަމަށްވާ ހިޒްބްލް މުޖާހިދީންގެ ލީޑަރު ބްރަހަން ވާނީ، އިންޑިއާގެ އަސަކަރިއްޔާއިން މަރާލައިފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އޭނާ މަރާލި ޚަބަރު ފެތުރިގެން ދިޔައީ އިއްޔެ އެވެ. އެއަށްފަހު ދެކުނު ކަޝްމީރުގެ އަވަށް ތަކުގައި ދިރިއުޅޭ އެތައް ބަޔަކު ވަނީ، ކަޝްމީރުގެ އިންޑިއާ ސިފައިނާ ދެކޮޅަށް ނުކުމެ އަޑު އުފުލާފަ އެވެ.

ކަޝްމީީރުގެ ފުލުހުގެ ޑިރެކްޓަރު ޖެނަރަލް ކޭ ރަޖެންދުރަ ވިދާޅުވީ މަގުތަކަށް ނުކުތް މީހުން، އިންޑިއާ ސިފައިންނާ ދެކޮޅަށް ގާ އުކާ ހެދި ކަމަށާއި، އެ ކަން ހުއްޓުވަން އުޅުމުގެ ތެރޭގައި 60 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި ސިފައިންގެ 90 މީހަކަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

މަރާލި ވާނީއަކީ ކަޝްމީރުގެ ޒުވަނުންގެ މެދުގައި ވަރަށް މަގުބޫލު މީހެކެވެ. ނުވަދިހައިގެ އަހަރުތަކުގައި ކަޝްމީރުގެ އެހެން ހަނގުރާމަވެރި ލީޑަރުން މޫނު ފޮރުވައިގެން އިންޓަވިއު ދިން ކަމުގައިވިޔަސް، ވާނީ މަގުބޫލު ވެފައިވަނީ މޫނު ހާމަކޮށްގެން، ކެމެރާ ކުރިމަތީގައި ވާހަލަ ދައްކާ މީހެއްގެ ގޮތުގައެވެ.

ވާނީގެ ޖަނާޒާ އިއްޔެ ކުރިއަށް ގެންދިޔައިރު، އިންޑިއާގެ އަސްކަރިއްޔާއިން އެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ޢާންމުންނަށެވެ.

ޖަނާޒާއަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު ވަނީ، އިންޑިއާ އާ ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުން ބެނާތައް ހިފައިގެން ވެސް ނިކުމެފައެވެ.

ބިމު އަޑީގެ މައުދަންތަކުގެ މުއްސަނދިކަން ލިބިފައިވާ ކަޝްމީރުގެ މިލްކުވެރިކަމާމެދު އިންޑިއާގެ އިތުރުން ޕާކިސްތާން ވެސް ދައުވާ ކުރެއެވެ. ކަޝްމީރުގެ އާބާދީގެ 95 ޕަސަންޓް މީހުންނަކީ މުސްލިމުންނެވެ.