ސިއްހަތު

އާތުރައިޓިސް: ފަރުވާކުޑަކޮށްލެވޭ ވަރަށްވުރެ ސީރިއަސް!

ރާއްޖެބަލި، ނުވަތަ ނުވަތަ ހުޅުތައް ދުޅަވާ އާތުރައިޓިސް ބައްޔަކީ ރާއްޖޭގައި އާންމު ބައްޔެކެވެ. ދިވެހި ބަހުގައި އާތުރައިޓިސްއަށް ހުޅުތައް ދުޅަވާ ބައްޔޭ ކިޔަސް އާތުރައިޓިސް އަކީ ހަމައެކަނި ހުޅު ދުޅަވާ ބައްޔެއް ނޫނެވެ. އާތުރައިޓިސްގެ މާނަ ދިވެހިންނަށް ފޮރުވިފައި އޮންނަ ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ. "އާތުރައިޓިސް" އަކީ އެންމެ ބައްޔެއް ނޫނެވެ. އެއީ ހުޅުތައް ދުޅަވުމާއި، ހުޅުތަކުގައި ރިއްސުމާއި މިބާވަތުގެ އެކި ބަލިތަކަށް ކިޔާ ރަސްމީ ނަމެކެވެ.

އާތުރައިޓިސްގެ 100 އަށްވުރެ ގިނަ ވައްތަރުގެ ބައްޔާއި ހާލަތު ހުންނައިރު މިއީ ކޮންމެ ޖިންސެއްގެ އުމުރުފުރާއަކަށް ވެސް ޖެހުން އެކަށީގެންވާ ބައްޔެކެވެ. ނުކުޅެދުންތެރިކަމަށް މަގުފަހި ކުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އާތުރައިޓިސްގެ ހާލަތުތައް ހިމެނޭއިރު، މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ޖެހޭ އެއް ބައްޔަކީވެސް މިއެވެ. ދުނިޔޭގެ ކުޑަކުދިންގެ އާބާދީގެ ތިންލައްކަ އަށްވުރެ ކުދިންނަކީ އާތުރައިޓިސްގެ ކޮންމެވެސް ވައްތަރެއް ހުންނަ ކުދިން ކަމަށް ސިއްހީ މާހިރުންގެ ދިރާސާތަކުން ދައްކަ އެވެ.

އާންމުކޮށް އެންމެނަށްވެސް ޖެހުން އެކަށީގެންވާ މި ބައްޔަށް ރިޕޯޓުކުރާ އަންހެނުންގެ ނިސްބަތް އިތުރެވެ. ހާއްސަކޮށް މުސްކުޅި އުމުރަށް އެޅިގެންދާއިރު ޖެހުން ގާތް ބައްޔެއްގެ ގޮތުގައި އާތުރައިޓިސް ފާހަގަވެފައިވާއިރު، ބަލީގެ އަލާމާތްތައް އެކި މީހުންނަށް ފެންނާނީވެސް އެކި ވަރަށެވެ. ހުޅުތަކަށް ޖެހޭ އާތުރައިޓިސްގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުޅުތައް ދުޅަވުމާއި، ތަދުވުމާއި ހުޅުތައް ހަރުވެ ހަރަކާތްކުރަން އުނދަގޫވުން ހިމެނެ އެވެ. މި އަލާމާތްތަކަކީ ދުވަސްކޮޅަކަށް ފެނިފައި ގެއްލުން އެކަށޭނަ އަލާމާތްތަކެއްވެސްމެ އެވެ. މިގޮތަށް އަހަރުތަކެއް ފާއިތުވެދާނެ އެވެ. ނަމަވެސް އުމުރުން ފާއިތުވާ ދުވަސްތަކާއެކު އެކަށީގެންވާ ފަރުވާއެއް ނުހޯދައިފިނަމަ ވަރަށް ސީރިއަސް ހާލަތަކަށް މީހާ ދެއެވެ.

ހެލިފެލިވެ އުޅޭއިރު ކުއްލި ކުއްލިއަށް އަރާ ތަދުތަކާއި، ސިޑިން މައްޗަށް އަރާ ފައިބާއިރު ކަކުލުގައި ރިއްސުމާއި، ހިނގާއިރު އެކި އުނދަގޫތައް އިހުސާސްކުރެވެން ފަށައިފިނަމަ ބަލި ސީރިއަސް ކަން ދެނެގަންނަން ޖެހެއެވެ. މިފަދަ އުނދަގޫތައް ކުރިވަތިވާން ފެށުމަކީ އިންޒާރެކެވެ. ހުޅުތަކަށް ދާއިމީ ނުރައްކާތެރި ބަދަލުތަކެއް އާތުރައިޓިސްގެ ސަބަބުން ލިބިދާނެ އެވެ. މިގޮތަށް އަންނަ ބަދަލުތައް ބޭރު ފުށުން ނުފެނިވެސްދާނެ އެވެ. އާތުރައިޓިސްގެ ބައެއް ވައްތަރުތަކަކީ ހިތާއި ފުއްޕާމެއާ ގުރުދާ (ކިޑްނީ)ގެ އިތުރުން ހަމާއި ލޯ ފަދަ ގުނަވަންތަކަށްވެސް ނުރައްކާތެރި ހާލަތްތައް މެދުވެރިކުރުވާ ވައްތަރުތަކެކެވެ.
ރރާއް

އާތުރައިޓިސްގެ ވައްތަރުތައް

ޑިޖެނަރޭޓިވް އާތުރައިޓިސް

މިއީ އާތުރައިޓިސްގެ އެންމެ އާންމު ވައްތަރެވެ. ހުޅުތައް ހަލާކުކޮށް ވަރަސް ބޮޑަށް ނާޒުކުކޮށްލާ އާތުރައިޓިސްގެ މި ހާލަތު މެދުވެރިވުމުން އެއް ހުޅު އަނެއް ހުޅާ ޖެހިފައި ހުންނަ އިރު ހުޚުތަކުގެ ކޮޅުގައި ހުންނަ މަޑު ކަށިކޮޅު ހަލާކުވުމުގެ ސަބަބުން އެއްކަށި އަނެއް ކައްޓާ ޖެހި ގޭނޭ ގޮތް ވެ އެވެ. މީގެ ސަބަބުން ހުޅުތައް ދުޅަވެ، ހަރުވެފައި ހުންނަން މެދުވެރިވެ އެވެ. ދުވަސްވުމުން ހުޅުތަކުގެ ބާރު ކަނޑިދެ އެވެ. އަދި ތަދު ބަރުދާސްކުރަން އުނދަގޫވެ މީހާގެ ހާލަތު ދެރަވަރުވެ އެވެ. މާބޮޑަށް ބަރުވުމާއި، ކުރިން ލިބިފައިހުރި އަނިޔާއެއް ފަރުވާ ނުކޮށް ބެހެއްޓުމާއި އާއިލާގައި ބަލި ވާރުތަވެފައި ހުރުމަކީ ބައްޔަށް ހުށަހެޅުން ކައިރި ކަންކަމެވެ.

ހެލިފެލިވެ އުޅުމާއި ވަކި އަތަކަށް ބަރުވާ ގޮތަށް އެއްޗެހީގައި ނުހިފުމާއި، ހޫނުފެނުން ބޮނޑިތާން ކުރުމާއި، ކަސްރަތުކުރުމުގެ އިތުރަށް ބަރުދަން ވަކި މިނެއްގައި ހިފެހެއްޓުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. ބަލި މާ ގޯސްވެއްޖެ ނަމަ ހުޅު ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދެ އެވެ.

އިންފްލެމޭޓޮރީ އާތުރައިޓިސް ނުވަތަ ރިއުމަޓޮއިޑް އާތުރައިޓިސް

ދުޅަހެޔޮ ދިފާއީ ނިޒާމެއް ލިބިފައިވުމަކީ ނިއުމަތެކެވެ. ސަބަބަކީ ދުޅަހެޔޮ ދިމާއީ ޒިޒާމަކުން މީހާގެ ހަށިގަނޑަށް ވާސިލުވާ ނުބައި ޒާތުގެ ވައިރަހާއި، ގުނަވަންތަކުގައި ވައިހެދުމާއި ދިލަނެގުން ފަދަ ކަންކަން ކުރިމަތިކުރުވާ އިންފެކްޝަންތަކުން ހަށިގަނޑު ސަލާމަތްކޮށްދެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިފަދަ އިންފެކްޝަންތައް ހަށިގަނޑަށް އެއްވެސް ހުރަހެއްނެތި ވާސިލްވެ އެވެ. ރިއުމަޓޮއިޑް އާތުރައިޓިސް އާއި ސޯރިއެޓިކް އާތުރައިޓިސް އަކީ ވައި ހެދުމާއި ދިލަނެގުމުގެ ދެ މިސާލެވެ. އާންމުކޮށް އާތުރައިޓިސްގެ މި ދެ ވައްތަރަކީ މުޖުތަމައުގެ ތެރޭގައި ހުންނަ ނޭދެވޭ އާދަތަކުގެ ސަބަބުން ޖެހުން އެކަށޭނަ ދެ ވައްތަރެކެވެ. ސިނގިރެޓު ބުއިމާއި ސިނގިރެޓު ދުމުގެ އަސަރުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމަކީ މި ބައްޔަށް މަގުފަހިކުރުވާ ކަންކަމެވެ.
މިއީވެސް ހުޅުތަކާއި ލޯ ފަދަ ނާޒުކު ގުނަވަންތަކަށްވެސް އޭގެ ނުރައްކާ ފޯރާ ނުރައްކާތެރި އާތުރައިޓިސްގެ ބާވަތެކެވެ.

އިންފެކްޝިއަސް އާތުރައިޓިސް

ބެކްޓީރިއާ ފަންގަސް ނުވަތަ ވައިރަސްތަކަކީ ހުޅުތަކަށް ވާސިލްވެވޭ، އަދި އޭގެ ސަބަބުން ހުޅުތަކުގެ ރިހުން ގަދަވެ ހުޅުތަކުގައި ޖަރާސީމު އަށަގެންނުވުމުގެ ގާބިލުކަން ހުންނަ އެއްޗިއްސެވެ. "ސަލްމޮނިއްލާ" އަދި "ޝިގެއްލާ" އަކީ ހުޅުތައް އިންފެކްޓް ކުރާ މައިގަނޑު ޖަރާސީމްތަކެކެވެ. އަދި "ކްލަމޭޑިއާ" (ކާނާވިހަވުން، ސާފުތާހިރުކަން ކުޑަވުމުންޖެހޭ ބަލި) އާއި "ގޮނޯރިއާ" އަދި ހެޕަޓައިޓިސް ސީ (ޖިންސީ ގުޅުމުން ޖެހޭ ބަލި) އަކީ ވެސް މިކަމަށް މަގުފަހުކުރުވާ ބަލިތަކކެވެ.

އާންމުކޮށް މިގޮތަށް ހުޅުތަކުގައި އަށަގަންނަ ޖަރާސީމުތައް އެންޓިބައޮޓިކްސް އިން މަރާލެވެއެވެ. ނަމަވެސް ބައެއްފަހަރު ސީރިއަސް ބައްޔަކަށް ވެދެއެވެ.

މެޓަބޮލިކް އާތުރައިޓިސް

.މި ބާވަތުގެ އާތުރައިޓިސް ޖެހުމުގައި އެންމެ ބޮޑު އެއް ރޯލެއް އަދާކުރާ ހަށިގަނޑުގެ އެއް މާއްދާއަކީ ޔޫރިކް އެސިޑެވެ. ބައެއް މީހުންނަކީ ޔޫރިކް އެސިޑް ގިނަ އަދަދަކަށް ހަށިގަނޑުގައި އުފައްދާ މީހުންނެވެ. ނުވަތަ އެހާ އަވަހަށް އެ މައްދާ ހަށިގަނޑުން ބޭރުކޮށްލުން ދަތި މީހުންނެވެ. ބައެއް މީހުންގެ ހަށިގަނޑުގައި ހުންނަ މި ޔޫރިކް އެސިޑްގެ ސަބަބުން ހުޅުތަކުގައި ތިނޯސް ފަދަ މާއްދާތަކެއް އުފެދެ އެވެ. އޭގެ ސަބަބުން "ޝޮކް" ތަކެއް ގޮތަށް އަންނަ ކުއްލި ތަދުތަކެއް ތަހައްމަލު ކުރަންޖެހެއެވެ. ހަށިގަނޑުން ޔޫރިކް އެސިޑް ދަށް ނުކުރެވިއްޖެ ނަމަ މިކަން އާންމުކަމަކަށްވެ ހުޅުތަކަށް އޭގެ ނުރައްކާ ފޯރައެވެ.

އާތުރައިޓިސް ދެނެގަންނާނެ ގޮތް

އާންމު ބަލިތަކާ ބެހޭ ޑޮކްޓަރުންނަށް ވެސް ބަލި ޑައިގްނޯސް ކުރެވޭނެ އެވެ. ހަދާ ލޭގެ ޓެސްޓަކުންވެސް އާތުރައިޓިސް ހުރިތޯ ބަލައިލެވޭނެ އެވެ. އަދި އެކްސްރޭ އަކީ ވެސް ބަލީގެ އަސަރުތައް ދެނަގަންނަން ބޭނުންކުރާ މިންގަނޑެކެވެ.

ދުޅަހެޔޮ ސިއްހަތަކަށް އެދޭނަމަ ފަރުވާތެރިވުމަކީ މުހިއްމު ކަމެކެވެ. ފަރުވާތެރިވުމުގެ ފުރަތަމަ ފެށުމަކީ އަމިއްލަޔަށް ހޭލުންތެރިވުމެވެ. ބަލިތަކާ ބެހޭގޮތުން މައުލޫމާތު މުއްސަނދިވި ވަރަކަށް މީހާގެ ސިކުނޑި އެލާޓްވާނެ އެވެ. އެހެންކަމުން އަމިއްލަ ސިއްހީ ހޭލުންތެރިކަން އިތުރުކުރާށެވެ. އާތުރައިޓިސް ފަދަ ބަލިތަކަކީ ގިނަ ފަހަރަށް އަމިއްލަ ފަރުވާކުޑަ ކަމުން ޖެހޭ ވޭންބޮޑު ބަލިތަކެކެވެ. އެހެންކަމުން ރައްކާތެރި ސިއްހަތަކަށް ހެލިފެލިވެ އުޅޭ ދިރިއުޅުމެއް އިހުތިޔާރުކުރާށެވެ.