ޕީޕީއެމް

"އަޅުގަނޑުގެ މައްސަލައެއް ބެލި ކަމެއް ނޭނގޭ"

ސުލޫކީ މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ބެލި ކަމުގެ އެއްވެސް މައުލޫމާތު ލިބިފައިނުވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ. ފާރިސް މިހެން ވިދާޅުވެފައިވަނީ، ޕީޕީއެމް އޮފީހަށް ފޮނުވާފައިވާ ސިޓީއެއްގަ އެވެ.

އެ ސިޓީގައި ފާރިސް މައުމޫން ވިދާޅުވެފައިވަނީ، އެ ބޭފުޅާގެ ސުލޫކީ މައްސަލައެއް ޕާޓީގެ ސުލޫކީ ކޮމެޓީއަށް ހުށަހެޅި އެކަމާ ގުޅުންހުރި މަސައްކަތްތަކެއް ކުރިއަށްދާ ކަމުގެ ވާހަކަ ވަރަށް ފުޅާކޮށް މީޑިއާތަކުގައި ދެކުވުނު ކަމަށްވި ނަމަވެސް އެ މައުލޫމާތު މިހާތަނަށް ސުލޫކީ ކޮމެޓީން ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑާ ބެހޭ އެއްވެސް މައްސަލައެއް އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް މިހާތަނަށް ރަސްމީކޮށް ލިބިފައެއް ނުވޭ،" ސިޓީގައި ފާރިސް ވިދާޅުވެފައިވެ އެވެ.

އިތުރަށް ފާރިސް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއްގައި ޕާޓީގެ އެއްވެސް ރަސްމީ ފަރާތަކުން އެއްވެސް އެއްޗެއް އަންގާފައިނުވާ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ބަލާ ކަމަށްވާނަމަ މައްސަލަ ރައްދުވާ ފަރާތާ ބެހޭ ގޮތުން، ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީގެ ސުލޫކީ ކޮމެޓީގެ ހިންގާ ގަވާއިދާއި ޕާޓީގެ ސުލޫކީ ފިޔަވަޅު އެޅުމާއި ބެލުމާ ބެހޭ ގަވައިދު ބުނާ އެއްވެސް އިޖުރާއާތެއް ފުރިހަމަ ކޮށްފައިނުވާ ކަމަށް ވެސް ފާރިސް ވަނީ ވިދާޅުވެފަ އެވެ.

ފާރިސް ވަނީ، އެ ބޭފުޅާއާ ގުޅޭ އެއްވެސް ކަމެއް ޕީޕީއެމްގެ އެއްވެސް ގުނަވަނަކުން ކުރިއަށް ގެންގޮސްފައިވާކަމުގެ މައުލޫމާތެއް ޕާޓީ އޮފީހަށް ލިބިފަިއވާނަމަ އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ޕާޓީގެ އޮފީހުގައި އެދިފަ އެވެ.

މިފަދައިން ވިދާޅުވެ، ޕާޓީ އޮފީހަށް ފާރިސް ސިޓީއެއް ފޮނުއްވާފައިވާއިރު، ފާރިސްއާ ގުޅޭ ގޮތުން ސުލޫކީ ކޮމެޓީން ބެލި މައްސަލަ ނިންމައި، ފާރިސް ޕާޓީން ވަކި ކުރަން ވެސް އެ ކޮމެޓީން ވަނީ ނިންމާފަ އެވެ.

ސްލޫކީ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވެފައިވަނީ، ފާރިސްއަށް ކޮމިޓީއަށް ހާޒިރުވުމަށް ދެންނެވި ކަމަށާއި ނަމަވެސް ޖަވާބުދާރީވުމަށް ހާޒިރުވެފައިނުވާ ކަމަށެވެ.