ފާރިސް މައުމޫން

އަހަރަކަށްފަހު ފާރިސްއާއެކު ހަތަރު މެންބަރުން މަޖިލީހަށް، އެންމެންގެ މަރުހަބާ!

ރައްޔިތުންގެ މަޖިލީހުގައި އަޅުވާފައި ހުރި "ތަޅު" ނެއްޓި މިއަދަކީ މަޖިލިސް މެންބަރުންނަށް މިނިވަންކަމުގެ އިހްސާސެއް ކުރެވުނު ދުވަހެކެވެ. ގިނަ ދުވަސްތަކަކަށްފަހު އިދިކޮޅު މެންބަރުން މިއަދު މަޖިލީހަށް ވަޑައިގެން ވަނީ ބަހުސް ކުރައްވާފަ އެވެ. އިދިކޮޅަށް ހާއްސަ އުފާވެރި ކަމެއް މިއަދު މަޖިލީހުން ލިބުނުއިރު ފަސް މެންބަރަކަށް މިއަދުވީ ވަކިން ހާއްސަ ދުވަހަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރުން ބޭނުންވެގެން ޕީޕީއެމްއިން ކުރަމުންދިޔަ ކަންކަމާމެދު ހިތްހަމަ ނުޖެހިގެން އެންމެ ފުރަތަމަ ސަފު ފަޅާލައި ނުކުމެވަޑައިގެންނެވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނެވެ. އެއާއެކު ފާރިސްއަށް މަޖިލީހުގެ ތެރެއިން އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

ފާރިސްއާއެކު ޕީޕީއެމް ތެރެއިން އިސްލާހު ކުރަން ދެން ނުކުމެވަޑައިގެންނެވީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތެވެ. އަމީތުގެ ފަހަތުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ވެސް ނުކުމެވަޑައިގަތެވެ. އެއަށްފަހު ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ވެސް ފާރިސްގެ މަސައްކަތާ ގުޅިވަޑައިގަތެވެ.

ފާރިސް މަޖިލިސް ތެރެއިން ކުރެއްވި މަސައްކަތުގެ ތެރެއިން އިތުރު މެންބަރުންތަކެއްގެ ތާއިދު ހޯދައްވައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރަށް ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ސޮއި ހޯދެއްވި އެވެ. އެއާއެކު ފާރިސްއަށް މަޖިލިސްގެ ދޮރު "ބަންދުކުރި" އެވެ. ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް ޖަލަށްލި އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އޭގެ ފަހުން މަޖިލީހުގެ އެއްވެސް މަސައްކަތެއްގައި ފާރިސް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މިހާރު ފާރިސްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ވެސް ހައިކޯޓުން ބާތިލްކޮށްފައިވާއިރު މިއަދަކީ ފާރިސް އަލުން މަޖިލީހުގެ މަސައްކަތް ފެށި ދުވަހެވެ. އެކަމުގެ މަރުހަބާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނާއަށް ދަނީ ކިޔަމުންނެވެ. ކުރިން ފާރިސް މަސައްކަތް ކުރެއްވި ފަދައިން ދެން ވެސް މަޖިލީހުގައި ފާރިސްގެ އިސް ދައުރެއް ފެންނާނެ ކަމުގެ އުއްމީދު ދަނީ މީހުން ކުރަމުންނެވެ.

މެންބަރު އަމީތާއި ސައުދާއި ވަހީދު އަދި ލަތީފަށް ވެސް މިއީ ހާއްސަ ދުވަހެކެވެ. އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން އެ ހަތަރު މެންބަރުންނަށް ވެސް ވަނީ މަޖިލީހަށް މިއަދު ވަދެވިފަ އެވެ. މަޖިލީހަށް ވަދެގެން މީގެކުރިން ހައްޔަރުކޮށް، ދައުވާ ވެސް އެ މެންބަރުންގެ މައްޗަށް އުފުލި އެވެ.

އަހަރަކަށްވުރެ ގިނަ ދުވަހު އެ ހަތަރު މެންބަރުންގެ ގޮނޑި މައްސަލާގައި ވާނުވާ ނޭނގި އޮވެ، ސުޕްރީމް ކޯޓުން ވަނީ މި މަހުގެ ތެރޭގައި އެ ހަތަރު މެންބަރުންގެ ގޮނޑި ސަލާމަތްކޮށްދީފަ އެވެ. އޭގެ ފަހުން އެ މެންބަރުން މަޖިލީހަށް ވަޑައިގެންނެވި މިއީ ފުރަތަމަ ދުވަހެވެ.

މެންބަރު އަމީތު ވިދާޅުވި ގޮތުގައި 15 މަސް ފަހުން ރައްޔިތުން ހަވާލުކުރި ޒިންމާ އަދާ ކުރެއްވުމަށް އަލުން މަޖިލީހަށް ވަދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މެންބަރު ސައުދު ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް މިއަދު އަލުން މަޖިލީހުގެ ތެރެއިން ވަނީ ހައްގު ލިބިގެން ގޮސްފަ ކަމަށެވެ. ދެމިހުންނާނީ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް ވިދާޅުވި އެވެ.