މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިދިކޮޅު ކޯލިޝަނުން ހޯދި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު، ޕްލޯ ކްރޮސިންގެ ހުކުމާއެކު ގެއްލުވާލުމަށްފަހު އަނެއްކާވެސް ސުޕްރީމް ކޯޓުގެ ހުކުމްތަކާއެކު އެ އަގުލަބިއްޔަތު މަޖިލީހުގައި އިދިކޮޅަށް މިއަދު ލިބިއްޖެ އެވެ.
އަހަރާއި ތިން މަސް ފަހުން ސުޕްރީމް ކޯޓުން ވަނީ އޮޅުން ބޮޅުން އަރާފައިވާ 12 މެންބަރުންގެ މައްސަލަގައި ޖެހިފައި ހުރި ގޮއްތައް ފިލުވާ، އެ މަައްސަލާގައި ފަހު ގޮތް ކަނޑައަޅާފަ އެވެ. ސުޕްރީމް ކޯޓުން ނިންމީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްއަށް ނިސްބަތްވި 12 މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށެވެ.
އެ މެންބަރުންގެ ގޮނޑިތައް ފްލޯ ކްރޮސިންގެ އުސޫލުގެ ދަށުން ގެއްލުވާލައިގެން ސަރުކާރު ކޯލިޝަނުން ހޯދި އަގުލަބިއްޔަތު މިހާރު އަނެއްކާވެސް އެވަނީ ގެއްލިފަ އެވެ.
މަޖިލީސް މިހާރު އެތުރިފައިވާ ގޮތަށް ބަލާއިރު ޕީޕީއެމްގައި ފަޅީގައި ތިބީ 34 މެންބަރުންނެވެ. އެއީ ރިޔާސަތުގައި އިންނަވާނެތީ މަސީހާގެ ނަމާއި މިހާރު ވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ދަފްތަރުގައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ނުހިމަނަ އެވެ. ސަރުކާރު ކޯލިޝަނުން މިހާރު ވަކިވެފައިވާ އެމްޑީއޭގެ ފަސް މެންބަރުން ތިއްބަވަ އެވެ. އެ ފަސް މެންބަރުން އަރާ ފަޅިއެއް އަދި ސާަފެއް ނުވެ އެވެ. އެ ފަސް މެންބަރުންނާއެކު ވެސް ސަރުކާރަށް އަގުލަބިއްޔަތު ނުލިބޭނެ އެވެ.
ގޮނޑި އަލުން ލިބިފައިވާ އަދި އަމިއްލަ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ރަޖިސްޓްރީކޮށްފައިވާ 12 މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ 21 މެންބަރުންނާއި ޖޭޕީގެ ހަތް މެންބަރުންގެ އިތުރުން އަދާލަތުގެ އެއް މެންބަރާއި މިނިވަން ދެ މެންބަރުންނާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހިމަނައިގެން އިދިކޮޅު ކޯލިޝަންގައި ޖުމްލަ 44 މެންބަރުން އެބަތިއްބެވެ.
މީގެއިތުރުން ޕީޕީއެމްއަށް ނިސްބަތްވާ ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވެސް ހުންނެވީ އިދިކޮޅާއެކު އެވެ. އެހެންކަމުން އިދިކޮޅު ޕީޖީ ގުރޫޕްގެ އަދަދަކީ މިހާރު 45 އެކެވެ.
ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު މަޖިލީހުގައި 34 މެންބަރުން ތިއްބެވިއިރު އޭގެ ތެރެއިން ބައެއް މެންބަރުން ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލައި ގަރާރުގައި ސޮއި ކުރައްވާފަ އެވެ. އެއީ ޕީޕީއެމްގެ 13 މެންބަރަކެވެ.
މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރު އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު އެ ގާނޫނު އުވުމާއެކު ޕީޕީއެމްއަށް އިތުރު މެންބަރުންތަކެއް ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތެވެ.