ހަބަރު

މައުމޫން އާއި ފާރިސް ދޫނުކޮށް ހިފަހައްޓަނީ ކޮންގްރެސް ބާއްވަން: އެމްއާރުއެމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްސަލަ ތާވަލު ނުކުރަނީ ޕީޕީއެމްގެ ކޮންގްރަސް ބާއްވާ ނިމެންދެން ކަމަށް މައުމޫން ރިފޯމް މޫވްމަންޓް
(އެމްއާރްއެމް) އިން ތުހުމަތުކޮށްފި އެވެ.

އެމްއާރްއެމްގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން އާއި ފާރިސްގެ ހައިކޯޓަށް ހުށަހަޅާފައި އޮތް މައްސަލަތައް ތާވަލުނުކޮށްގެން އުޅެނީ ގައުމީ ޖަލްސާ ބޭއްވުމަށް ކަމަށެވެ. އަދި ކޮންގްރަސް ބާއްވާފައި ފެއިލްވެފައި ހުރި މީހަކަށް ލީޑާޝިޕް ހަވާލު ކުރަނީ ދުނިޔޭގެ ކޮން ގައުމެއްގައިތޯ ނާދިރާ ސުވާލު އުފެއްދެވި އެވެ.

ނާދިޔާ ކުރި ޓްވީޓް

ޕީޕީއެމް އިން ވަނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާލޭގައި އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވަން ނިންމައިފަ އެވެ. ނަމަވެސް ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕުން ނޫން ފަރާތަކަށް ޕީޕީއެމް ހަވާލުކޮށް ހިންގުމަށް އެއްވެސް ކޯޓަކުން ހުކުމް ކޮށްފައިނުވާ ކަމަށާއި ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕަށް ނޭންގި އެއްވެސް ފަރާތަކުން އެޕާޓީގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރާނަމަ އެފަރާތްތަކާމެދު މަދަނީ އަދި ޖިނާއީ މައްސަލަ ހުށަހަޅާނެ ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފަ އެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޕާޓީތަކުގެ ގައުމީ ޖަލްސާ ބޭއްވުމަށް ގާނޫނު ލާޒިމްކުރާއިރު ޕީޕީއެމްގެ ގައުމީ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޖަލްސާގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޕާޓީގެ ރައީސްއެއްގެ ގޮތުގައި އިންތިހާބުކޮށްފަ އެވެ. ނަމަވެސް ޕާޓީއިން އެމަނިކުފާނު މިހާރު ވަނީ ވަކިކޮށްފަ އެވެ. ގައުމީ ޖަލްސާގެ ބަހެއް ނެތި އެމަނިކުފާނު މަގާމުން ވަކިކުރީ ޕާޓީގެ ކައުންސިލުންނެވެ. ޕީޕީއެމްގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް ސިވިލް ކޯޓުން ވެސް ހުކުމްކުރި އެވެ.

ޕީޕީއެމްގެ ބާރުތައް ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރި ސިވިލް ކޯޓުގެ ހުކުމްގައި ޕާޓީގެ ގައުމީ ޖަލްސާއެއް ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް 2016 ވަނަ އަހަރުގެ އެ ހުކުމާ އެއްގޮތަކަށް ގައުމީ ޖަލްސާއެއް މިހާތަނަށް ބާއްވާފައެއް ނުވެ އެވެ.