ޓްރާންސްޕޯޓް އޮތޯރިޓީ

ލޯކަލް މެރިޓައިމް ޓްރޭނިން ދޭން ތިން ފަރާތަކަށް ހުއްދަދީފި

Jul 11, 2016

ކަނޑުގެ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ބޭނުންވާ ލޯކަލް މެރިޓައިމް ޓްރޭނިން ދޭން ތިން އިންސްޓިޓިއުޝަނަކަށް ހުއްދަ ދީފި އެވެ.

އިކްނޮމިކް މިނިސްޓްރީން ބުނީ އެއީ ބޯޓު ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުން ތަމްރީނު ކުރަން ދޭ ހުއްދައެއް ކަމަށެވެ. އަދި މިހާރުވެސް އިތުރު އިންސްޓިޓިއުޝަންތަކަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަމަކީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަކީ ތަމްރީނު ލިބިފައިވާ މީހުންނަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރާކަމެއް ކަމަށް ވެސް ބުންޏެވެ.

މި އިންސްޓިޓިއުޝަންތަކުގައި ކިޔަވައިދޭ މުގައްރަރުތަކަކީ ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާ އެޕްރޫވްކޮށްފައިވާ މުގައްރަރެކެވެ. މި އިންސްޓިޓިއުޝަންތަކަކީ މޮބައިލްކޮށް ތަމްރީންދޭ ތަންތަނެވެ. ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީން އެތަން ތަން އޮޑިޓްކުރާނެ އެވެ.

މިނިސްޓްރީން ބުނީ ތަމްރީން ޕްރޮގްރާމްތައް މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގައި ހިންގަން ހުޅުވާލާނެ ކަމަށާއި އޭރުން މަސައްކަތުގައި އުޅޭ ކެޕްޓަނުން ނުވަތަ ފަޅުވެރިން މަސައްކަތް ދޫކޮށް ތަމްރީނު ލިބިގަތުމަށް އެހެން ރަށްރަށަށް ދާންޖެހޭ ހާލަތު މަދުވާނެ ކަމަށެވެ.