ހަބަރު

"އެއްލަކިން" ޓެސްޓު ހެދި ބައެއް މީހުންނަށް އަދިވެސް ލައިސެންސް ނުލިބޭ!

Sep 3, 2018
3

އެއް ދުވަހުން ލައިސެންސް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ކުރިޔަށް ގެންދިޔަ "އެއްލަކިން" ޕްރޮގްރާމް މެދުވެރިކޮށް ޑްރައިވިން ޓެސްޓު ހެދި ބައެއް މީހުންނަށް އަދިވެސް ލައިސެންސް ދޫނުކުރެ އެވެ.

"އަވަސް"އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އޭނާ އެއްލަކިން ޕްރޮގްރާމުގައި ބައިވެރިވެގެން ޓެސްޓު ހެދީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ތިން މަސް ނިމިފައިވާ އިރު އަދިވެސް ލައިސެންސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އެ މުއްދަތުގެ ތެރޭގައި އެތަށް ފަހަރަށް ލައިސެންސް ހޯދަން ސްލިޕް ކޮޅު ހިފައިގެން ޓްރާންސްޕޯޓަށް ގޮސްފައިވާ ކަމަށް ނަމަވެސް އެސްއެމްއެސް އެއް ކުރުމުން ނޫނީ ދޫ ނުކުރާނެ ކަމަށް ޓްރާސްޕޯޓުން ބުނާ ކަމަށް އޭނާ ބުންޏެވެ.

"އެއްލަކިން ނެގުމުގެ ބޭނުމަކީ ވެސް ފަސޭހައިން އަވަހަށް ލިބޭނެ ގޮތަށް ލައިސެންސް ނުގުން، އަޅުގަނޑަށް ވުރެ ފަހުން ޓެސްޓު ހެދި މީހުންނަށް ވެސް މިހާރު ލައިސެންސް ލިބިއްޖެ، އެކަމަކު އަޅުގަނޑަށް އެއްލަކިން ލިބުނީ ލައިސެންސްއެއް ނޫން ލަނޑެއް،" އޭނާ ބުންޏެވެ.

އެކަމާ ބެހޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އެއްލަކިން ލައިސެންސް ނެގި ގިނަ މީހުންނަށް ލައިސެންސް ދޫކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ބައެއް ލައިސެންސް ދޫކޮށްފަ ނުވަނީ ބައެއް އިދާރީ މައްސަލަތަކާ ހެދި ކަމަށާއި ނަމަވެސް އެކަން އެ މީހުންނަށް ގުޅައިގެން ނުވަތަ މެސެޖަކުން އަންގާފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

"އައިޑީކާޑު ކޮޕީ ނުވަތަ ސްޓޭމްޕު ފަދަ އެއްޗެއް މަދުވެގެން ނޫނީ ޕޭމަންޓުގެ މައްސަލަތައް ހުރި ބައެއް ލައިސެންސްތައް އަދިވެސް ނުނިމި ހުންނާނީ، އެ ނޫން އެހެން ހުރިހާ ލައިސެންސްއެއް ވާނީ ދޫކޮށް ނިންމާފައި،" އަބްދުﷲ ވިދާޅުވި އެވެ.

އެއްލަކިން ޕްރޮގްރާމުގައި ބައިވެރިވެ 4000 އެއްހާ މީހުން ވަނީ ލައިސެންސް ނަގައިފަ އެވެ. އޭގެ ތެރެއިން 1500 އެއްހާ މީހުންނަކީ މުޅިން އަލަށް ލައިސެންސް ނެގި މީހުންނެވެ.