މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، މުދާ އުފުލުމުގައި ކުރިމަތިވާ ދަތިތަކާބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިޔަފާރިވެރިންނާ ބައްދަލު ކުރައްވާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މިނިސްޓަރު ސައީދު ވިޔަފާރިވެރިންނާ މަޝްވަރާކުރެއްވިކަން ހާމަކުރީ މިނިސްޓްރީން ކުރި ޓްވީޓެއްގަ އެވެ. މަޝްވަރާތަކުގެ ތަފުސީލެއް އަދި ނުލިބެއެވެ.
މުދާ އުފުލުމުގައި ކުރިމަތިވާ ދަތިތަކާ ބެހޭ ގޮތުން މިނިސްޓަރު ވިޔަފާރިވެރިންނާ މަޝްވަރާ ކުރައްވާފައި މިވަނީ މާލޭގައި މުދާ އުފުލަން ބޭނުންކުރާ ބޮޑެތި ލޮރީތަކާއި ޕިކަޕްތައް ދުވާލުގެ ވަގުތުތަކުގައި ނުދުއްވޭ ގޮތަށްް ޓްރާންސްޕޯޓް އޮތޯރިޓީ ގަވައިދެން ހަދައި އާންމު ކުރުމަށް ފަހު އެ ގަވައިދަށް އަމަލުކުރުން ފަސްކޮށްފައި ވަނިކޮށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ އާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި އާއްމު ރައްޔިތުން މަގުތަށް ބޭނުންކުރުމުގައި ދަތިވަމުންދާތީ މި މަހު 25 އިން ފެށިގެން ބޮޑެތި ލޮރީ އަދި ޕިކަޕްތަކުގައި ދުވާލު މުދާ ނުއުފުލޭނެ ކަމަށާއި މުދާ އުފުލޭނީ ރޭގަނޑު 1:00 އާއި ހެނދުނު 6:00 އާ ދޭތެރޭގައި ކަމަށެވެ.
ނަމަވެސް އެ އިއުލާނާ ހަވާލާދީ އެ އޮތޯރިޓީން ފަހުން ބުނީ ސްކޫލުތައް ބަންދުވުމާއި ވިޔަފާރިވެރިންނަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، މާލެތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދާ އެއްގަމު އުޅަނދުގައި އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާ އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށެވެ.
އެ ތާރިހުން ފެށިގެން މުދާ އުފުލުން މަނާ ކޮށްފައިވީ ނަމަވެސް ގޭސް ޑެލިވަރީކުރާ ޕިކަޕްތަކަށް ދުވާލުގެ ބައެއް ގަޑިތައް ހިމެނޭ ގޮތަށް ދަތުރު ކުރެވޭނެ އެވެ. އެގޮތުން ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އާއި ދެމެދު ގައި ގޭސް ޑެލިވަރީ ޕިކަޕްތަކަށް މާލޭގެ މަގުތަކުގައި ދުއްވޭނެ އެވެ.