ރާއްޖެ ކުޅިވަރު

ހޭންޑްބޯލްގެ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އިސްމާއީލް

Jul 11, 2016

ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދިވެހި ކުޅިވަރުގެ ލެޖެންޑް، އިބްރާހިމް އިސްމާއީލް އިސްތިއުފާ ދެއްވުމުން، ބައި އިލެކްޝަނަކުން ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އިސްމާއިލް އިންތިހާބުކޮށްފި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް ކަމުން އިބްރާހިމް އިސްމާއީލް އިސްތިއުފާ ދެއްވީ، ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު ކައުންސިލްގެ މެންބަރުކަން ލިބިވަޑައިގެންނެވުމުންނެވެ.

ކުޅިވަރު ގާނުނު ބުނާ ގޮތުން، ކުޅިވަރު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި، ކުޅިވަރު އެސޯސިއޭޝަންގެ އެއްވެސް މެންބަރަކު ހުރެގެން ނުވާނެ އެވެ.

އަހްމަދު އިސްމާއީލް ރައީސް ކަމަށް އިންތިހާބު ކުރުމުން، މިވަގުތު ނައިބު ރައީސް ކަމުގެ މަގާމު އޮތީ ހުސްވެފަ އެވެ.

ހޭންޑްބޯލް އެސޯސިއޭޝންގެ އޮފިޝަލެއް ކަމަށްވާ އަބްދުﷲ ސަލީމް ވިދާޅުވީ ނައިބު ރައީސް ކަމަށް މިހަކު ހޮވާ ބައި އިލެކްޝަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ރޭ، ބޭއްވި ބައި އިލެކްޝަންގައި މީހަކު އިންތިހާބު ނުކުރީ ކީއްވެގެންތޯ ސުވާލުކުރުމުން ސަލީމް ވިދާޅުވީ މަގާމު ހުސް ނުވަނީސް، ބައި އިލެކްޝަން އިއުލާން ނުކުރެވޭނެ ކަމަށާއި ނައިބު ރައީސްގެ މަގާމު ހުސްވީ ރޭ ކަމަށެވެ.

ރޭ ވަނީ އެކްސްކޯ މެންބަރެއްގެ ގޮތުގައި ހުންނެވި ނަޒީރާ އިސްމާއީލް އިސްތިއުފާ ދެއްވާފައިވުމާ ގުޅިގެން ހުސްވެފައިވާ އެކްސްކޯ މެންބަރު ކަމަށް މުއިމިނާ އާދަމް އިންތިހާބުކޮށްފަ އެވެ.

މުއިމިނާއަކީ އަންހެނުންނާއި ކުޅިވަރު ތައްރައްގީއަށް މަސައްކަތް ކުރުމުގެ ރޮނގުން އާނު ހިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.