ދުނިޔެ

އިނގިރޭސިން އީޔޫއިން ވަކިވި ވަކިވުން ކާމިޔާބަކަށް ހަދާނަން: މޭ

Jul 11, 2016

އިނގިރޭސިވިލާތް އިޔޫއިން ވަކިވި ވަކިވުމަކީ ކާމިޔާބު ނިންމުމަކަށް ހަދާނެ ކަމަށް، ބޮޑު ވަޒީރު ކަމަށް ވާދަކުރައްވާ ޓްރީސާ މޭ ވިދާޅުވެއްޖެއެވެ.

ބާމިންހަމް ސިޓީގައި އޭނާގެ ކެމްޕޭން ލޯންޗް ކުރުމަށް މިއަދު ބޭއްވި ހަފުލާގައި މޭ ވިދާޅުވީ އީޔޫގައި ދެމިތިބުމަށް މަސައްކަތް ނުކުރާނެ ކަމަށާއި، އަދި އަލުން އީޔޫއާ ގުޅުމަށްވެސް ނުވަތަ އަލުން ފެންނަ ނުފެންނަ ވޯޓް ބޭއްވުމަށްވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މިދިޔަ މަހު 23 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓްގެ ކުރިން މޭ އަކީ، އިނގިރޭސި ވިލާތް އީޔޫގައި ދެމިތިބުމަށް ތާއިދު ކުރައްވާ ކެމްޕޭން ކުރިއަށް ގެންދެވި ބޭކަނބަލެކެވެ.

"ޔޫކޭ ރައްޔިތުން މިވަނީ އަހަރެމެންނަށް ވަރަށް ސާފްކޮށް ބުނެދީފަ، ރައްޔިތުންގެ ނިންމުމަކީ ކޮބައިކަން. އަހަރެމެން އިޖާބަ ދީފިން އިނގިރޭސި ރައްޔިތުންގެ ނިންމުމަށް އަހަރެމެން ކުރާނީ އިނގިރޭސި ވިލަތުގެ މީހުން ބުނިކަމެއް،" މޭ ވިދާޅުވިއެވެ.

"އިނގިރޭސި ރައްޔިތުން އީޔޫއިން ވަކިވާން ނިންމި ނިންމުމަކީ، އެއީ އަހަރެމެންގެ ނިންމުން، އީޔޫއިން ވަކި ވަކިވުމަކީ ކާމިޔާބު ނިންމުމަކަށް ހަދާނަން"

އީޔޫގެ މެންބަރުކަން ނެތި ޔޫރަޕްގެ ސިންގަލް މާކެޓް ތެރެއަށް އިނގިރޭސިން ވަނުމުގައި އަމަލު ކުރާނީ ކޮންގޮތަކަށްތޯ ސުވާލު ކުރުމުން މޭ ވިދާޅުވީ "އިނގިރޭސިން ޑިލް ކުރަން ޖެހޭނީ އެންމެ ރަނގަޅު މާކެޓިން ޕޮލިސީއާއެކު އެންމެ ރަނަގަޅު ހިދުމަތާއި މުދަލުން" ކަމަށެވެ.

ބޮޑު ވަޒީރުކަމަށް ވާދަ ކުރާ އަނެއް ކެނޑިޑޭޓް އެންޑްރޭ ލީޑްސަމް ވަނީ، ބޮޑުވަޒީރު ކަމުގެ ރޭހުން މިއަދު ވަކިވެވަޑައިގެންފައެވެ.