މަރުގެ ހުކުމް

ރާއްޖޭގައި މަރުގެ އަދަބު ނުދިނުމަށް އީޔޫ އާއި 8 ގައުމަކުން ގޮވާލައިފި

  • ޑެމާޝްއެއް ވަނީ ހަވާލުކޮށްފަ
  • އީޔޫ އާއި 8 ގައުމުން ވަނީ ދިވެހި އެމްބަސީއަށް ގޮސްފައި
  • މަރުގެ އަދަބަކީ އިންސާނީ ކަރާމާތާ ހިލާފު އަދަބެއް: ގައުމުތައް

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް މި ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ އިއްތިހާދާ ގުޅިފައިވާ 8 ގައުމަކުން ރާއްޖެއަށް ރަސްމީކޮށް ގޮވާލައިފި އެވެ. މިގޮތަށް މި ގައުމުތަކުން ރާއްޖެއަށް ގޮވާލާފައިވަނީ މިއަދު އެވެ.

މަރުގެ އަދަބު ރާއްޖޭގައި ނުދިނުމަށް ގޮވާލާފައިވަނީ އީޔޫ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާއި ފްރާންސް އާއި ނެދަލެންޑްސް އާއި ސްވިޓްޒަލެންޑާއި އިޓަލީ އާއި ނޯވޭ އަދި ކެނެޑާ އެވެ.

އީޔޫ އާއި މި ގައުމުތަކުން މިގޮތަށް ރާއްޖެއަށް ގޮވާލާފައިވަނީ ލަންކާގައި ތިއްބަވާ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެ ގައުމުތަކުގެ ސަފީރުން މިއަދު ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކޮށް ޑެމާޝްއެއް ހަވާލުކޮށްފަ އެވެ. -- ޑެމާޝްއަކީ އެއް ގައުމުން އަނެއް ގައުމެއްގެ ކަމަކާމެދު ރަސްމީ ގޮތް ދެކޭ ގޮތް ހާމަކޮށް ނެރޭ އެއްޗެކެވެ.

ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރަށް މި ގައުމުތަކުން އެރުވި ޑެމާޝްގައި ބުނެފައިވަނީ ވޭދުވެދިޔަ 60 އަހަރު ތެރޭގައި ވެސް ރާއްޖޭގައި މަރުގެ އަދަބު ނުދީ އޮތް އޮތުން ދަމަހައްޓަން އެދިފަ އެވެ. އޭގައި ބުނެފައިވަނީ، ކޮންމެ ޝަރުއީ ނިޒާމެއްގައި ބޭއިންސާފަށް ޖާގަ އޮންނާތީ މަރުގެ އަދަބު ދެވިގެންނުވާނެ ކަމަށެވެ.

ޑެމާޝްގައި އިތުރަށް ބުނެފައިވަނީ މަރުގެ އަދަބަކީ އިންސާނީ ކަރާމާތާ މުޅިން ދެކޮޅު އަދަބެއް ކަމަށާއި މަރުގެ އަދަބު ދީގެން ކުށްކުރުން ހުއްޓުވިފައިނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ވަނީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު މެރުމަށް ހުކުމްކޮށްފައެވެ. އަދި މިއަދު އެކޯޓުން ވަނީ 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތު ވެސް މަރަން ހުކުމްކޮށްފައެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުގަ އެވެ. އެމީހާއަކީ އެންމެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދި ހަކީމް ދީދީ އެވެ.

ސަރުކާރުން މިހާރު ދަނީ މުއްރަތާއި ހުމާމަށް މަރުގެ އަދަބު ދިނުމަށް ތައްޔާރީތައްވަމުންނެވެ. މިހާރު ކުރިއަށް ދަނީ އެކަމުގެ ފަހު މަރުހަލާތަކެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ބޭރުގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ.