ދުނިޔެ

ކަޝްމީރުއާ ހެދި އިންޑިއާ އާއި ޕަކިސްތާންގެ ގުޅުން ވަރަށް ގޯސްވެއްޖެ

ކަޝްމީރުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އަވައްޓެރި ދެ ގައުމު ކަމަށްވާ އިންޑިއާއި ޕާކިސްތާންގެ ގުޅުން ގޯސްވެއްޖެއެވެ.

ކަޝްމީރުގެ މައްސަލަ ހޫނުވީ ކަޝްމީރު މިނިވަންކުރުމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ހިޒުބްލް މުޖާހިދީންގެ ޒުވާން ލީޑަރު ބަހްރަން ވާނީ އިންޑިއާގެ އަސްކަރިއްޔައިން މިދިޔަ ހުކުރު ދުވަހު މަރާލުމާ ގުޅިގެންނެވެ.

ވާނީއަކީ ކަޝްމީރުގެ ޒުވާނުންނާއި އާންމުންގެ މެދުގައި ވަރަށް މަގުބޫލު މީހެކެވެ. ވާނީ، މަރާލީ އިންޑިއާގެ ސިފައިން މިދިޔަ ހުކުރު ދުވަހު ބަޑިން ދިން ހަމަލާއެއްގައެވެ.

ވާނީ މަރައިލުމުން އެކަމާ ދެެކޮޅަށް ނިކުތް އެތަށް ހާސް ބަޔަކު ހުއްޓުވުމަށް އިންޑިއާގެ ސިފައިން ބާރުގެ ބޭނުން ކުރުމުން، 30 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މީގެއިތުރުން މިއަދު އިންޑިއާގެ ފުލުހަކު ކޯރެއްގައި ގެނބިގެން ވަނީ މަރުވެފައެވެ. އިންޑިއާގެ ފުލުހުން ބުނީ، ފުލުސް މީހަ މަރުވީ އޭނާ ދުއްވި ކާރު ކޯރައް ވައްޓާލުމުން ކަމަށެވެ.

ނަމަވެސް މީޑިއާ ވާހަކަ ދެއްކި ބައެއް އާންމުން ބުނީ ފުލުސް މީހާ ދުއްވި ކާރު، ކޯރަށް ވައްޓާލުމަށް އެއެވެސް މީހަކު މަސައްކަތް ނުކުރާ ކަމަށާއި ކާރު ކޯރަށް ވެއްޓުނީ، އޭނާއަށް ކޮންޓްރޯލް ގެއްލުމުން ކަމަށެވެ.

ކަޝްމީރުގައި ހަމަނުޖެހުންތައް ބޮޑުވެ އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ނިކުންނަ މީހުންގެ އަދަދު އިތުރުވާން ފެށުމުން، އިންޑިއާއިން ވަނީ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހަލަތު އިއުލާންކޮށްފައެވެ. އަދި އެއްވުންތަކަށް އިތުރަށް މީހުން އައުން ހުއްޓުވުމަށްޓަކައި، އިންޑިއާގެ އަސްކަރިއްޔާއިން ވަނި ސަރަހައްދުގެ އިންޓަނެޓާއި، ފޯން ހިދުމަތް ކަނޑާލާފައެވެ. ވަނީގެ މަރާ ގުޅިގެން، އިންޑިއާ ދެކޮޅަށް އަޑު އުފުލަން ނިކުތް މީހުން ވަނީ އިންޑިއާގެ އަސްކަރިއްޔާއިން ބޭނުން ކުރާ އެއާޕޯޓެއް ހިފުމަށް މަސައްކަތް ކޮށްފައެވެ.

އިންޑިއާގެ ހަމަލާތަކުގެ ސަބަބުން އާންމުގެ ބަޔަކު މަރުވުމުން، ޕާކިސްތާންގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު ވަނީ އިންޑިއާގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ބޮޑު ވަޒީރުގެ ގެ އޮފީހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާއިން އާންމުންނަށް ހަމަލާދީ، މަރަމުން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ބިމުގެ އަޑިން ނަގާ މައުދަންތަކުގެ މުއްސަނދިކަން ލިބިފައިވާ ކަޝްމީރުގެ މިލްކުވެރިކަމާމެދު އިންޑިއާގެ އިތުރުން ޕާކިސްތާނުންވެސް ދައުވާ ކުރެއެވެ. ކަޝްމީރުގެ އާބާދީ އަކީ 12.5 މިލިއަން މީހުންނެވެ. އޭގެ ތެރެއިން 95 ޕަސަންޓް މީހުންނަކީ މުސްލިމުންނެވެ.

ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން، އިންޑިއާގެ ޔޫނިއަން މިނިސްޓަރު ޖިތެންދަރަ ސިންހް ވިދާޅުވީ "ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަޑީގައި އޮތީ ޕާކިސްތާންކަން ސާފުކޮށް އެނގޭ" ކަމަށެވެ.

"ޕާކިސްތާންގެ ބައިވެރިވުން މިކަމުގައި އެބައޮތް. އިސްލާމް އާބަދުގެ ތެރެއިން އިންޑިއާ ދެކޮޅަށް ޓެރަރިޒަމްގެ ހަމަލާ ދިނުމަށް ދަނީ ރާވަމުން،" ޖިތެންދަރަ ވިދާޅުވިއެވެ.

ކަޝްމީރުގެ ޑޮކްޓާސް އެސޯސިއޭޝަންއާ ހަވާލާދީ އޭއެފްޕީއިން ބުނީ ހަމަނުޖެހުންތަކުގެ ސަބަބުން ޒަހަމްވެގެން މީހުން ގެންދާ އެމްބިއުލާންސްތަކަށްވެސް އިންޑިޔާގެ އަސްކަރިއްޔާއިން ހަމަލާތައް އަމާޒު ކުރަމުންދާކަމަށެވެ. މިހާތަނަށް މި ހަމަނުޖެހުންތަކުގައި 400 މީހުން ވަނީ ޒަހަމުވެފައެވެ.

ނަވާރަ ސަތޭކަ ސާޅިިސް ހަތް ވަނަ އަހަރުން ފެށިގެން ކަޝްމީރު އޮންނަނީ ޕާކިސްތަނާ އިންޑިއާގެ ފަޅިއެއް ހިމެނޭ ގޮތަށް ދެ ބައިވެފައެވެ. ކަޝްމީރުގެ މައްސަލައާ ގުޅިގެން ޕާކިސްތާނާއި އިންޑިއާ ދެމެދު ހަނގުރާމަތައް ހިނގާފައިވާއިރު 1989 ވަނަ އަހަރުން ފެށިގެން ކަޝްމީރުގެ ހަމަނުޖެހުން ތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.