އެމެރިކާގެ ރިޔާސީ އިންތިހާބު 2016

"އެމެރިކާއަށް ރައްކާތެރިކަން ހޯދައިދޭނެ ކެނޑިޑޭޓަކީ އަހަރެން"

Jul 12, 2016

ޖޫން، 12 (ވާޖިނިއާ): އެމެރިކާގައި އެގައުމުގެ ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައި ދެވޭނެ ހަމަ އެކަނީ ކެނޑިޑޭޓަކީ އޭނާ އެކަނިކަމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވާޖިނިއާގެ ބީޗްގައި ރޭ ބޭއްވި، ކެމްޕޭން އެއް ވުމެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ގާނޫނު ތަންފީޒު ކުރެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ އޭނާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ޑަލަސްގައި ފުލުހުންނަށް ދިން ހަމަލާތަކާ ގުޅިގެން ހަ ފުހުހަކު ވަނީ މަރުވެފައެވެ. ޓްރަމްޕް ވިދާޅުވީ ޑަލަސްގެ ފުލުހުންނަށް ދިން ހަމަލާއަކީ މުޅި އެމެރިކާއަށް ދިން ހަމަލާއެއް ކަމަށާއި، އޭގެ އަސަރު މުޅި އެމެރިކާއަށް ކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ގާނުނު ތަންފީޒު ކުރާ ފަރާތްތަކަށް މައި ސަރުކާރުން ލިބެންޖެހޭ ފުރިހަމަ ސަޕޯޓް ލިބިވަޑައިގަންނަވަންދެން، އެގޮތުގައި އޭނާ ދެމި ހުންނަވާނެ ކަމަށެވެ.

އޭނާ ވިދަޅުވީ ޑަލަސްގެ ހަމަލާއަށް ހަމްދަރުދީ ވާކަން ހާމަ ކުރި ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދެން ޖެހޭ ހަގީގީ ސަލާމަތްތެރިކަން ފޯރުކޮށް ނުދޭ ހިނދު، އެ ހަމްދަރުދީ ބަލައި ނުގަނެވޭނެ ކަމަށެވެ.

"އެމެރިކާގެ ސަލާމަތްތެރިކަން ނެތި އަހަރެމެންގެ އަތުގައި އެކައްޗެއްވެސް ނެތް" ޓްރަމްޕް ވިދާޅުވީއެވެ.

މިދިޔަ ހަފުތާގައި، އެމެރިކާ ފުލުހުންގެ ބަޑީ ހަމަލާއެއްގައި، ކަޅު ނަސްލުގެ ދ ެމީހަކު މަރުވުމުން، ފުލުހުންނަށް ފާޑު ވިދަޅުވި ޓްރަމްޕް ރޭ ވަނީ، ފުލުހުންނަށް ތައުރީފް ކުރައްވާފައެވެ.

އޭނާ ވިދާޅުވީ ފުލހުންނަށާއި ގާނޫނު ތަންފީޒު ކުރަ ފަރާތްތަކަށް ބާރުވެރިކަން ހޯދައިދޭނެ ކެނޑިޑޭޓަކީ އޭނާ ކަމަށެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް "ހިލަރީ ކުލިންޓަން ވަނީ އެކަމުގައި ފަހަތު ފަޔަށް ބުރަވެފައި" ކަމަށެވެ. (އޭއެފްޕީ)