ސްރީލަންކާ

ލަންކާގައި އުޅޭ ދިވެހި އާއިލާއަކަށް ވަޅިން ބިރު ދައްކާ ފައިސާއާ ގަހަނާތައް ފޭރިގެންފި

Jul 12, 2016
2
  • ފޭރުނު އިރު ދެމީހަކު ބަނދެފައި
  • އިތުރު ދެމީހެއްގެ ގައިގައި ވަޅި ޖައްސާފައި
  • ފޭރުނު މީހުން ތިބީ މޫނު ނިވާ ކޮށްގެން

ސްރީލަންކާގައި ދިރިއުޅުމުން އަންނަ ދިވެހި އާއިލާއެއްގެ ގެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ބިރު ދައްކާ ގިނަ އަދަދެއްގެ ފައިސާ އާއި އެ އާއިލާގެ މެންބަރުން ބޭނުން ކުރާ ގިނަ އަދަދެއްގެ ރަނުގެ ގަހަނާތައް ފޭރިގެންފި އެވެ.

ލަންކާގައި ދިިރިއުޅޭ އެ އާއިލާ އާ ގުޅުން ހުރި މީހަކު ބުނި ގޮތުގައި އެ ގެއަށް ބަޔަކު ވަދެ ވަޅިން ބިރު ދައްކާ ފޭރިފައި ވަނީ މިއަދު ހެނދުނު ކަމަށާއި އެމީހުން އެގެއަށް ވަން ވައިރު އެގޭގައި ތިބީ ދިވެހި މާބަނޑު އަންހެނަކާއި އޭނާގެ ފިރިމީހާގެ މަންމައާ އާއި ބައްޕަގެ އިތުރުން އެގޭގައި ގޭންގުޅޭ މެއިޑް ކަމަށެވެ.

އެވަގުތު އޭނާގެ ފިރިމީހަ ވީ ބޭރުގަ އެވެ. ސްކޫލަށްދާ ތިން ކުދިން ވީ ސްކޫލްގަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެ ދިރިއުޅުމުން އަންނަ ސްރީލަންކާގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެސް ވެފައިވާ އެ އާއިލާ އަށް ބިރު ދައްކާ ފޭރުނު މީހުން ވަން އިރު އެންމެން ވެސް ތިބީ މޫނު ނިވާ ކުރުމުގެ އިތުރުން ހެލްމެޓް އަޅައި ބޮޑެތި ވަޅިވެސް ހިފައިގެނެވެ.

ތިން މީހުން ވަނުމަށް ފަހު ފޭރިފައި ވަނީ އޭގައި ދިރިއުޅޭ ދެމަފިރިންގެ ތެރެއިން ގޭގައި ހުރި މާބަނޑު އަންހެން މީހާގެ މައިދައިތަ އާއި ބަފައިބެ ނިދާފައި ތިއްބާ ނަގައި ދެ އަތާއި ދެފާގައި ޓޭޕް އަޅާ ބަނުމަށްފަހު މާބަނޑު އަންހެން މީހާ ކޮށްޕާލައި އޭނާ އާއި ގޭގައި ހުރި މެއިޑަށް ވަޅިން ބިރު ދެއްކުމަށްފަހު އެވެ.

އެމީހުން އެގެއިން ފޭރުނު ތަކަތީގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ އާއި ރަނުގެ ގަހަނާ އާއި މޮބައިލް ފޯނު ހިމެނެ އެވެ. އެއްވެސް މީހަކަށް އިތުރު އަނިޔާއެއް ކޮށްފައެއް ނުވެއެވެ.

މި ހާދިސާއަށްފަހު ފުލުހުން މައްސަލަ ބަލަމުން ގެންދާއިރު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވެސް ވަނީ އެ މައްސަލަ ރިޕޯޓްކޮށްފައެވެ. މި ހާދިސާއަށް ފަހު އެ އާއިލާ އަށް ވަނީ ނަފުސާނީ ގޮތުން ވަރަށް އަސަރުކޮށްފަ އެވެ.