- އެވޯޑް އޮންނަނީ ނޮވެމްބަރުގައި
- ސަފާރީތަކަށްދޭ ހަމައެކަނި އެވޯޑަކީ މިއީ
- 25 ކެޓަގަރީއަކުން އެވޯޑް ދޭނެ
ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ މޯލްޑިވްސް ބޯޓިން އެވޯޑްސް ގެ އޮންލައިން މީޑިޔާ ޕާޓްނަރަކަށް އަވަސް އޮންލައިން ހަމަޖައްސައިފި އެވެ.
ކޮންމެ ދެ އަހަރުން އެއް އަހަރު ލޭމް އިން ބާއްވަމުން އަންނަ މޯލްޑިވްސް ބޯޓިން އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނާޝިޕް އެއްބަސްވުމުގައި އަވަސް އޮންލައިންގެ ފަރާތުން މިއަދު ސޮއިކުރެއްވީ މެނޭޖަރު މާކެޓިން އެންޑް ސޭލްސް އަމިނަތު މުހައްމަދު އެވެ. އަދި މި އިވެންޓް ބާއްވާ ޔުނިކާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އިޒްމީލް އެވެ.
ސަފާރީތަކަށް ރާއްޖޭގައިދޭ އެންމެ ޝަރަފުވެރި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްރަނަކަށް އަވަސްއަށް ހަމަޖެހުމާ ގުޅިގެން އަވަސްގެ މެނޭޖަރު މާކެޓިން އެންޑް ސޭލްސް އަމިނަތު މުހައްމަދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެވޯޑު ޕްރޮމޯޓް ކުރުމަށް އަވަސްގެ އިނގިރޭސި އެޑިޝަން އާއި ދިވެހި އެޑިޝަންގައި ތަފާތު އާޓިކަލްތައް ގެނެސްދޭނެ ކަމަށެވެ.
"އެއްބަސްވުމުގެ ދަށުން އެވޯޑު ޕްރޮމޯޓް ކުރުމަށް ތަފާތު ކޮންޓެންޓްތައް ގެނެސްދޭނެ. މީގެތެރޭގައި އެކްސްކްލޫސިވް ރިޕޯޓާއި ފޮޓޯތައް ވެސް ހިމެނޭ،" އައިމިނަތު ވިދާޅުވި އެވެ.
އިޒްމީލް އަވަސްއާއެކު ބޯޓިން އެވޯޑު ޕްރޮމޯޓް ކުރުމަށް އެއްބަސްވުމަކަށް އައީ ރާއްޖޭގައި އެންމެ މަގުބޫލު އަދި އެންމެ އިތުބާރު ކުރެވޭ އެއް ނޫހަށް އަވަސް އޮންލައިން ވެފައިވާ ވާތީ ކަމަށެވެ.
"އަވަސްއަކީ ސޯޝަލް މީޑިޔާގައި ވަަރަށް ވަރުގަދަ. ހަބަރުތައް ގެނެސްދިނުމުގައި އިތުބާރު ކުރެވޭ އަދި ވަރަށް ފުރިހަމަ ކޮންޓެންޓެއް އޮތް ނޫހެއް، އެހެންވެ ބޯޓިން އެވޯޑު ޕްރޮމޯޓް ކުރަން އަވަސް އާއެކު އެއްބަސްވުމަކަށް އައީ،" އިޒްމީލް ވިދާޅުވި އެވެ.
މޯލްޑިވްސް ބޯޓިން އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި އެވޯޑު 25 ކެޓަގަރީއަކުން ދޭނެ އެވެ.