ހަބަރު

މެރިން އެކްސްޕޯ އިންތިޒާމު ކުރުން މީޑިއަމްއަށް

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ މެރިން އެކްސްޕޯ އިންތިޒާމު ކުރުން، މީޑިއަމް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.

މީޑިއަމް ޕްރައިވެޓް ލިމިޓެޑާ މިކަން ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު އެ ކަމަށްޓަކައި މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ބޯޓިން އެސޯސިއޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އަހްމަދު އަފްރާހް އެވެ. އަދި މީޑިއަމްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާމް މުހައްމަދު އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި "ބޯޓިން މޯލްޑިވްސް މެގަޒިން" ޕަބްލިޝް ކުރުން ވެސް ވަނީ މީޑިއަމް ކުންފުންޏަށް ވަނީ ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްރާހް ވިދާޅުވީ ބޯޓިން މެގަޒިންގެ ޕަބްލިޝާ ކަމަށާއި މެރިން އެކްސްޕޯގެ އިވެންޓް މެނޭޖަރު ކަމަށް ފުރުސަތު ހުޅުވާލުމުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ވަރަށް ގިނަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި މީޑިއަމް ހޮވާފައިވަނީ އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްއަކީ އެ އެސޯސިއޭޝަނުގެ ވިޝަންއާ އެއްގޮތަށް ހަދާފައިވާ ޕްރޮޕޯސަލްއެއް ކަމުގައިވާތީ އެވެ.

އަފްރާހް ވިދާޅުވީ މެރިން އެކްސްޕޯ އަކީ ރާއްޖޭގެ ކަނޑުގެ އުޅަނދުތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ފެއާ ކަމަށާއި އެހެން ކަމުން މީޑިއަމް އިން މި ފެއާ ވަރަށް ފުރުހަމަ ކަމާއެކު ބާއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަހަރުގެ އިވެންޓު އިންތިޒާމު ކުރާ، ޝާމް މުހައްމަދު ވިދާޅުވީ މިއަހަރުގެ ތިންވަނަ ކުއާޓާ ތެރޭގައި މެރިން އެކްސްޕޯގެ ހަ ވަނަ އެޑިޝަން ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މޭ ނުވަތަ ޖޫން މަހުގެ ތެރޭގައި "ބޯޓިން މެގަޒިން" ލޯންޗް ކުރާނެ ކަމަށެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ބޯޓިން އިންޑްސްޓްރީގެ އެންމެ ބޮޑު ފެއާ އެވެ. ނިމިިދިޔަ ހަ އަހަރު މި ފެއާ އިންތިޒާމު ކުރީ ބްލަކް ކުންފުނިންނެވެ.