ވިޔަފާރި

ބޯޓިން އެވޯޑް: ވީއޭއެމްކޯ އިން ދެވަނަ އަހަރު އެވޯޑް ދިފާއުކޮށްފި

Nov 27, 2016

"މޯލްޑިވްސް ބޯޓިން އެވޯޑު" ރޭ ނިމިގެންދިޔައިރު އެންމެ ވިދުން ގަދަ އެއް ކުންފުންޏަކަށް ހަމަ ޔަގީނުން ވެސް ވީއެމްކޯ ވާނެ އެވެ. މި އަހަރު ވީއޭއެމްކޯ އަށް ލިބުނު އެވޯޑާއެކު އެ ކުންފުނީގެ ނަން މިވަނީ ވިދާލާފަ އެވެ. ޖައްސަ ޖައްސައިގެން ދެ އަހަރު އެ ކުންފުނިން އެވޯޑު ދިފާއުކޮށްފައިވެ އެވެ.

މި އަހަރުގެ ބޯޓިން އެވޯޑުގައި ވީއޭއެމްކޯ އިން ވިއްކާ އިންޖީނު އިކްއިޕްމަންޓްތަކަށް އަހަރުގެ އެންމެ ފުރިހަމަ ބޯޓު އިކްއިޕްމަންޓް ސަޕްލަޔަރުގެ އެވޯޑު ލިބިފައިވެ އެވެ. އަދި މީގެ އިތުރުން އަހަރުގެ އެންމެ އެދެވޭ މެރިން އިންޖީނު މަރުކާގެ އެވޯޑު ވެސް ލިބިފައިވެ އެވެ.

ވީއޭއެމްކޯގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ އެ ކުންފުނިން އެވޯޑު ދިފާއު ކުރުމަކީ ދޫސަން އިންޖީނާއި އިކްއިޕްމަންޓް ތަކަށް އޮތް އިތުބާރު އެނގެންދާ ކަމެއް ކަމަށެވެ

"ދޫސަން އިންޖީނަކީ ރާއްޖޭގެ މާކެޓުގައި މިހާރު ވިއްކާ އެންމެ އިތުބާރު ކުރެވޭ އެއް އިންޖީނު،" އޮފިޝަލް ވިދާޅުވި އެވެ.

ވީއޭއެމްކޯ ކުންފުނިން ވިއްކާ އިންޖީނަށް މި އަހަރު ދެ އެވޯޑެއް ލިބިފައިވާއިރު، މި ކުންފުނީގެ ދަށުން ހިންގާ ބްލޫ- ހޮރައިޒަން ކުންފުނީގެ ދެ ސަފާރީއަކަށް ވެސް ޝަރަފުވެރި ދެ އެވޯޑެއް ލިބިފައިވެ އެވެ. އަހަރުގެ އެންމެ ހިދުމަތް ރަނގަޅު ކްރޫއިން ތިބި ސަފާރީގެ އެވޯޑު ލިބުނީ "ހޮރައިޒަން-3" އަށެވެ. އަދި އަހަރުގެ އެންމެ ފުރިހަމަ ސާފިން ސަފާރީ އަކަށް ހޮވުނީ "ހޮރައިޒަން-2" އަށެވެ.

ވީއޭއެމްކޯ އިން ރާއްޖޭގެ ބާޒާރަށް ދޫސަން އިންޖީނު ވިއްކަމުން ގެންދާތާ 37 އަހަރު ވަނީ ވެފަ އެވެ. އަދި އެ ބްރޭންޑްގެ 400 އަށްވުރެ ގިނަ އިންޖީނު ރާއްޖޭގެ މާކެޓުގައި ބޭނުންކުރަމުން ގެންދެ އެވެ.