ރާއްޖެ ކުޅިވަރު

އެވޯޑް ލިބުނީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން: މިކާ

ހަވީރުން ހޮވި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓްގެ ކުޅުންތެރިންނާއި ކޯޗުން އަދި މެނޭޖްމަންޓް އިން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ކަމަށް ނިއުގެ ކޯޗު ފިންލެންޑްގެ މިކާ ލޮންސްޓްރޮމް ބުނެފި އެވެ.

"މި އެވޯޑް އަހަންނަށް ލިބުނު ނަމަވެސް، މިއީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ. ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނާއި މެނޭޖްމަންޓް ގުޅިގެން، ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުްނ އަހަންނަށް މި އެވޯޑް މި ލިބުނީ. އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން" ނިއުގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މިކާ ބުންޏެވެ. "އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. ސަޕޯޓަރުން އަބަދު ވެސް ތިބީ ޓީމުގެ ފަހަތުގައި."

މިކާގެ އިރުޝާދުގެ ދަށުން ނިއު އިން ވަނީ ދިވެހި ލީގާއި ޕްރެޒިޑެންްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިކާއާ މި އެވޯޑާ އެންމެ ގާތުން ވާދަކުރީ މިދިޔަ އަހަރުގެ އެފްއޭ ކަޕް މާޒިޔާ އަށް ކާމިޔާބުކޮށްދިން ކޯޗު އަލީ ސުޒޭން އަދި ކްލަބް އީގަލްސް އަށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އިން ޖާގަ ހޯދައިދިން އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ.

 އެކާވީސް ވަނަ ހަވީރު ސްޕޯޓްސް އެވޯޑްްސް ނައިޓް ރޭ ބޭއްވިއިރު، އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲއަށެވެ. މި މަގާމަށް އެންމެ ގާތުން ވާޑަކުރަނީ ނިއުގެ އަލީ ފާސިރު (ސެންޓޭ) އެވެ، ތިން ވަނަ އަށް ދިޔައީ އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އެވެ.

ހަވީރުން ހޮވި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އެވެ.