ޕީޕީއެމް

މެންބަރު ޝިޔާމާއި ޝާހިދުގެ މައްސަލައެއް ސުލޫކީ ކޮމެޓީއަށް

ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް ދެ މެންބަރުން ކަމަށްވާ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ ސުލޫކީ މައްސަލައެއް އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ، މެންބަރު ޝާހިދާއި ޝިޔާމްގެ ސުލޫކީ މައްސަލައެއް ޕާޓީގެ އާންމު ދެ މެންބަރަކު އިއްޔެ ޕީޕީއެމް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ދެ މެންބަރުންނާ ގުޅޭ ގޮތުން ވެސް ހުށަހަޅާފައިވަނީ އެއް މައްސަލައެއްް ކަމަށެވެ.

ދެ މެންބަރުންނާ ގުޅޭ ގޮތުން ޕީޕީއެމް އޮފީހަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ސުލޫކީ ފިޔަވަޅު އެޅުމުގެ ގަވައިދުގެ ދެވަނަ މާއްދާއާ ހިލާފުވުމާއި ޕާޓީގައި ތިއްބަވައި ޕާޓީގެ އިންތިހާބީ ރައީސް ގޮވައިގެން ކޯޓަށް ވަޑައިގަތުމާއި ޕާޓީގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް ދެ މެންބަރުން އަމަލު ކުރައްވާފައިވާ ކަމަށެވެ.

މި މައްސަލަ ސުލޫކީ ކޮމެޓީއަށް ވައްދާފައި ވަނީ ޕީޕީއެމްގެ ކައުންސިލާއި ކޮމިޓީތައް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަސްޕެންޑްކޮށްފައިވާ މައްސަލަ އެ ދެ މެންބަރުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.

ޕީޕީއެމް އާންމު ދެ މެންބަރަކު ޕާޓީއަށް އޮފީހަށް މި މައްސަލަ ހުށަހަޅާފައިވާއިރު، ސުލޫކީ ކޮމެޓީގެ ގަވައިދުގައި ބުނާ ގޮތުން މައްސަލަ ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ކޮމެޓީއަށް އެކަން އަންގަން ޖެހޭނެ އެވެ. އެހެންކަމުން މި މައްސަލަ މިހާރު ވަނީ ޕާޓީ އޮފީހުން ސުލޫކީ ކޮމެޓީއަށް ފޮނުވާފައި ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.

ޕީޕީއެމް ތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދިފައިވާ މި ދަނޑިވަޅަކީ އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް އެ މައްސަލަތައް ސުލޫކީ ކޮމެޓީއަށް ހުށަހަޅަމުންދާ ދަނޑިވަޅެކެވެ. މަޖިލިސް މެންބަރުންގެ އިތުރުން ޕާޓީގެ ރައީސް މައުމޫންގެ ސުލޫކީ މައްސަލަ ވެސް އެ ކޮމެޓީއަށް ހުށަހަޅާފައިވެ އެވެ.