ކޯޓަށް ދިޔައަސް ކަންބޮޑުވުމެއް ނެތް ކަމަށާއި އޭޝިއާގެ ވޮލީބޯލް ކޮންފަޑްރޭޝަން (އޭވީސީ) އިން ރާއްޖޭގެ އިންތިހާބު ބަލައިގެންފައިވާ ކަމަށް ވީއޭއެމްގެ ނައިބު ރައީސް އިލްޔާސް ވަހީދު (އިއްލަ) ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ މާރިޗް 17 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ގެ އިންތިހާބާ ގުޅޭގޮތުން، އިންތިހާބުގައި ވާދަ ކުރަައްވާ ނާކާމިޔަބުވެ ވަޑައިގެންނެވި މުހައްމަދު ނަޝީދު (ކާނަލް) އަށް ތާއީދު ކުރާ ޓީމަކުން، އިންތިހާބާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިއްލަ ވިދާޅުވީ އޭވީސީއިން ނާއި އިންޓަނޭޝަނަލް ވޮލީބޯލް ފެޑްރޭޝަން (އެފްއައިވީބީ) އިން ރާއްޖޭގެ ވޮލީގެ އިންތިހާބު ގަބޫލު ކޮށްފައިވާ ކަމަށެވެ.
"އިންތިހަބު ނިމުމަށްފަހު އޭވީސީ އަށާއި އެފްއައިވީބީއަށް އަޅުގަނޑުމެންވާނީ ހިންގާ ކޮމިޓީ އާއި އިންތިހާބު ކުރިއަށް ގެންދިޔަ ގޮތުގެ ރިޕޯޓް ފޮނުވާފައި. އެކްސްކޯ ރަޖިސްޓްރީކޮށް އެެޕްރޫވް ކުރިކަމުގެ ލިޔުންތައް އެކޮޅުން ވަނީ ފޮނުވާފައި. އެހެންވީމާ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް ނެތް،" އިއްލަ ވިދާޅުވިއެވެ.
އިއްލަ ވިދާޅުވީ އިންތިހާބަ ގުޅޭގޮތުން ކޯޓްގައި މައްސަލަ ކުރިއަށް ގެންދިޔަ ނަމަވެސް ރާއްޖޭގައި ވޮލީ ކުޅޭނެ ކަމަށާއި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
ކުޅިވަރުގެ ގާނުނުގައި އެބަހުރި، އެސޯސިއޭޝަންތަކުގެ ކަންކަމާ ގުޅޭގޮތުން މައްސަލައެއް ހުށަހަޅާނަމަ، ކުރިއަށް ގެންދެވޭނެ މަރުހަލާތައް. ކުޅިވަރު ކޮމިޝަނަރެއް އެބަހުރި، ކުޅިވަރު ކައުންސިލެއް އެބައޮތް، ކުޅިވަރު މިނިސްޓރީއެއް އެބަ އޮތް ދެން ތިބޭފުޅުން ނޫސްވެރިންގެ ކަމެއް، އެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކޮށްފައިތޯ ބެލުން،" އިއްލަ ވިދާޅުވި އެވެ.
ކާނަލްގެ ފަރާތުން ކޯޓަށް ހުށަހަޅުއްވަފައިވާ މައްސަލައިގައި ފާހަގަކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބައެއް ކުލަބު ތަކަށް އެސޯސިއޭޝަންގެ މެންބަރުކަން ދިނުމަށްފަހު އިންތިހާބުގައި ވޯޓްލަން ފުރުސަތު ދީފައިވުމާއި ޝަރުތު ހަމަވާ ބައެއް ކުލަބުތަކަށް އިންތިހާބުގައި ވޯޓްލުމުގެ ފުރުސަތު ލިބިފައި ނުވުމެވެ.
މީގެ އިތުރުން އިންތިހާބުގައި ވާދަ ކުރެއްވި ދެ ކެނޑިޑޭޓުން އެއްވަރުވުމުން، އެވަގުތު އޮތް ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓުލައިގެން އިންތިހާބުގެ ނަތީޖާ ކަނޑަ އެޅުމަކީ އިންސާފުން އެއްކިބާވުން ކަމެއްކަމަށް ފެންނާތީ އެވެ.