ރާއްޖެ ކުޅިވަރު

ގައުމީ ކޯޗްކަން ދިވެއްސަކަށް ދޭކަށް ނުވިސްނަން: ބާސްކެޓް

ގައުމީ ބާސްކެޓްބޯލް ޓީމުގެ ކޯޗްކަން ދިވެހި ކޯޗަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި ބިދޭސީ ކޯޗުން ފެންވަރު ރަނގަޅުވެފައި ކުރެވުނު ތަޖުރިބާ ވެސް ރަނގަޅު ކަމަށް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ބުނެފި އެވެ.

މިދިޔަ ހަފުތާގައި ނިމިގެން ދިޔަ ދެކުނު އޭޝިއާ ޒޯން ކޮލިފިކޭޝަނަށް ޓީމު ތައްޔާރުވުމަށް، އެމްބީއޭއިން ޓީމުގެ ކޯޗްކަން ވަގުތީ ގޮތުން ހަވާލު ކުރީ ރެޑްލައިން ކުލަބު (އާރްއެލްސީ) ގެ ކޯޗް ސާބިއޯގެ މާކޯ ޕިލޮލޮވިޗަށެވެ.

އެ ކޮލިފިކޭޝަންގައި ރާއްޖެ ވަނީ ރިހި މެޑަލެއް ހޯދާފަ އެވެ. މީ ރާއްޖޭގެ ބާސްކެޓްބޯލްގެ ތާރީހްގައި، ސަރަހައްދީ ވާދަވެރި ކަމެއްގައި ރާއްޖެއިން ހޯދި ފުރަތަމަ ރިހި މެޑަލްއެވެ.

އަވަސްއާ ވަހަކަ ދައްކަމުން އެމްބީއޭގެ ޖެނަރަލް ސެކެޓްރީ އާރިފް ރިޒާ ވިދާޅުވީ "ގައުމީ ލެވަލުގައި ރާއްޖޭގައި އެބަތިބި ވަރަށް ހުނަރުވެރި ކުޅުންތެރިން. މި ކުޅުންތެރިންގެ ފެންވަރު މިހާރު ހުރި މިންވަރަށް ވުރެ މަތި ކުރުމަށް ބޭނުންވަނީ ބިދޭސީ ކޯޗުންގެ ތަޖުރިބާ،" ކަމަށެވެ.

"ދިވެހި ކޯޗުންނާއެކު ގޮސް ރާއްޖެއަށް ކާމިޔާބު ހޯދޭނެ ފެންވަރުގެ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ޓެކްނިކަލީ ކޯޗުންނަށް ހެދޭ މިސްޓޭކަކުން އެޓީމު އަތުން ރާއްޖޭގެ ޓީމު ބަލިވެފައި އެބަހުރި. ނަމަވެސް ރަނގަޅު ފެންވަރު ބިދޭސީ ކޯޗުންގެ ޓެކްނިކަލް ރޭވުންތެރިކަން ވެސް ދިވެހި ކޯޗުންނަށް ވުރެ ރަނގަޅު، އޭގެ ހެއްކެއް ފެނިގެން މިދިޔައީ،" ދެކުނު އޭޝިއާ ޒޯން ކޮލިފިކޭޝަންގެ ތަޖުރިބާއަށް އިޝާރާތް ކުރައްވާ އާރިފް ވިދާޅުވި އެވެ.

"ހުރިހާ ގޮތަކަށް ބެލިޔަސް ބިދޭސީ ކޯޗުންގެ ތަޖުރިބާ ރަނގަޅު. އެ ކޯޗުންގެ ކޯދިން ފިލޯސަފީ ވެސް ކުޅުންތެރިންނަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދޭ،" އާރިފް ވިދާޅުވި އެވެ.

އަދި ރައްޖެއަށް ދެން ގެނައުމަށް މަސައްކަތް ކުރަނީ ވެސް ބިދޭސީ ކޯޗެއް ކަމަށް އާރިފް ވިދަޅުވި އެވެ. ގައުމީ ބަސްކެޓްގެ ކޯޗްކަން އެނަމެ ފަހުން ކޮށްފައިވާ ދިވެހި ކޯޗަކީ ކުރީގެ ބާސްކެޓް ކުޅުންތެރިޔާ އަހްމަދު ފަޔާޒު އެވެ. ފެބްރުއަރީ މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްއަށް އޭނާގެ ކޯޗް ކަމުގެ ދަށުން ޓީމު ގޭމްސްއަށް ތައްޔާރުވި ނަމަވެސް، ދުނިޔޭގެ ބާސްކެޓް ފެޑްރޭޝަވްގެ އެންގުމަކަށް ގޭމްސްގެ ބާސްކެޓް ކެޓަގަރީ ވަނީ ކެންސަލް ކޮށްފައެވެ.