ގެސްޓް ހައުސް ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސް: 100 އަށްވުރެ ގިނަ ގެސްޓް ހައުސް

  • ކޮންފަރެންސް ސެޕްޓެމްބަރު މަހު
  • ކޮންފަރެންސުގައި 150 ބައިވެރިން
  • ގިނަ ގެސްޓް ހައުސްތަކުން ބައިވެރިވޭ

މި އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ބާއްވާ ގެސްޓް ހައުސް ކޮންފަރެންސުގައި 120 އަށް ވުރެ ގިނަ ގެސްޓް ހައުސް ބައިވެރިވެއްޖެ އެވެ.

"ގެސްޓް ހައުސް ކޮންފަރެންސް 2016" ބާއްވާ މޯލްޑިވްސް ގެޓް އަވޭސްގެ މެނޭޖިން ޑިރެކްޓަރު އަހްމީމް އަބްދުލް ރައްޒާގު ވިދާޅުވީ 150 ގެސްޓް ހައުސް އޯނަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން މިހާތަނަށް 120 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށެވެ.

މި މަހުގެ ނިޔަލަށް ކޮންފަރެންސުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ،" އަހްމީމް ވިދާޅުވި އެވެ.

ގެސްޓް ހައުސް ކޮންފަރެންސް ބާއްވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު ވިލާ ކޮލެޖުގަ އެވެ. މި އިވެންޓުގައި ބައިވެރި ވެވެނީ ދައުވަތުދޭ ހާއްސަ ފަރާތްތަކަށެވެ.

އެމްޑީ ވިދާޅުވީ މި ކޮންފަރެންސުގައި ގެސްޓް ހައުސް ވެރިންގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޓްރެވަލް އެޖެންޓުން ބައިވެރިވާ ކަމަށެވެ.

"ކޮންފަރެންސުގައި ޕާޓްނަރުންގެ ގޮތުގައި ގެސްޓް ހައުސްތަކަށް ކޭޓާ ކުރާ ގިނަ ބަޔަކު ބައިވެރިވޭ،" އަހްމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓް ހައުސް ކޮންފަރެންސުގެ ބޭނުމަކީ މި ވިޔަފާރިއާއި ގުޅުންހުރި ފަރާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުން ކަމަށެވެ.

"ބޭނުމަކީ މުޅި އިންޑަސްޓްރީގައި ބައިވެރިވާ ފަރާތްތައް ބައިވެރިވެގެން ނެޓްވޯކެއް ގާއިމް ކުރުން. ވިޔަފަރީގެ ފުރުސަތު ތަކެއް ހޯދުން. ފުޅާކުރުން. ބޭނުމަކީ މި އިންޑަސްޓްރީ އެހެން ލެވަލްއަކަށް ގެންދިއުން،" އަހްމީމް އެމްޑީ ވިދާޅުވި އެވެ.

"ގެސްޓް ހައުސް މޯލްޑިވްސް" ގެ ނަމުގައި މަޖައްލާއެއް ނެރެމުން ގެންދާ ގެޓް އަވޭސްއިން ބާއްވާ މި ކޮންފަރެންސުގައި ގިނަ ޕާޓްނަރުންވެސް ބައިވެރިވެ އެވެ. މި ކޮންފަރެންސުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ. އެހެން ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ:

  • އެންޑޯސިން ޕާޓްނަރު: އެމްއެމްޕީއާރުސީ
  • އެންޑޯސިން ޕާޓްނަރު: މީރާ
  • އޮންލައިން ނިއުސް ޕާޓްނަރު: އަވަސް އޮންލައިން
  • މެރިން ޕާޓްނަރު: ހަސަން މެރިން
  • ބޯޓް ބިލްޑިން ޕާޓްނަރު: އަލް ސާލީ މެރިން މޯލްޑިވްސް
  • ޓެލެކޮން ޕާޓްނަރު: ދިރާގު
  • ފިއުލް ޕާޓްނަރު: ފިއުލް ސަޕްލައި މޯލްޑިވްސް
  • ޓީވީ ޕާޓްނަރު: ޕީއެސްއެމް
  • ޕްރިންޓިން ޕާޓްނަރު: އެމް7

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުޅާކޮށް ކުރިއަށްދާ ވިޔަފާރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 ގެސްޓް ހައުސްއެއް ވަނީ ހުޅުވާފަ އެވެ. މީގެތެރެއިން 300 ތަނެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.