އެމެރިކާގެ ރިޔާސީ އިންތިހާބު 2016

ހިލަރީއަށް ތާއީދު ކުރަން ސަންޑާސް ނިންމަވައިފި

Jul 13, 2016
1

ޖުލައި، 13 - (ނިއުހިމޯސްފިއާ): ޑިމްކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ހިލަރީ ކްލިންޓަންއާ ވާދަ ކުރެއްވި ބާނީ ސަންޑާސް، މިއަހަރު ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ހިލަރީ ކްލިންޓަންއަށް ތާއީދު ކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.

ސަންޑާސް ހިލަރީއަށް ތާއީދު ކުރަންވަން ނިންމެވުމުން އެކަން ވެފައިވަނީ، ޑިމްކޮރެޓިކް ޕާޓީގެ އެ ތެރޭގެ ސީޔާސީ ވާދަވެރިކަން ނިމުމަކަށް އައުން ކަމަށެވެ. ސެންޑާސް ވަނީ، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓަރްމްޕްގެ މައްޗަށް ހިލަރީ ކާމިޔާބު ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެ ވަޑައިގަންނަވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ނިއުހިމޯސްފިއާގެ ޕޯޓްސްމޮތުގައި ބޭއްވި ހިލަރީގެ ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ސަންޑާސް ވިދާޅުވީ "ރިޔާސީ އިންތިހާބަށް ޑިމްކޮރެޓިކް ޕާޓީ އިހްތިޔާރުކޮށްފައިވަނީ ހިލަރީ، އަހަރެން އެކަމަނާއަށް މަރުހަބާ ކިޔަން. އެމެރިކާގެ ދެން އަންނަ ރައީސްއަކީ އެކަމަނާ ކަމުގައި ހަދަން އަހަރެން މަސައްކަތް ކުރާނަން" ކަމަށެވެ.

"އަހަރެމެންގެ މިހާރުގެ މަސްއޫލިއްޔަތަކީ އެމެރިކާގެ ސެނެޓަކީ ޑިމްކޮރެޓިކް ޕާޓީގެ އަގުލަބިއްޔަތު އޮތް މަޖިލީހެއް ކަމުގައި ހެދުން. އެމެރިކާގެ ރައީސްލްޖުމްހޫރިއްޔާގެ ގޮތުގައި ވައިޓް ހައުސްއަށް ވަޑައިގަންނަވާނެ ބޭފުޅަކީ ޑިމްކޮރެޓިކް ޕާޓީގެ ހިލަރީ ކްލިންޓަން ކަމުގައި ހެދުން" ސަންޑާސް ވިދާޅުވިއެވެ.

ސަންޑާސް ހިލަރީއަށް ތާއީދު ކުރެއްވި ނަމަވެސް، އޭނާގެ ސަޕޯޓަރުން ހިލަރީއަށް ތާއީދު ކުރައްވާފާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ސަޕޯޓަރުންނަށް އިޝާރާތް ކުރައްވައި ސަންޑާސް ވިދާޅުވީ ނޮވެމްބަރު މަހު އަށް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު މުހިންމު ނޫންކަމަށް ދެކޭ ފަރާތްތަކުން، ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އަތުވެއްޖެނަމަ އެމެރިކާގެ އަދުލުގެ ނިޒާމަށާއި، އެމެރިކާގައި އަތް "ހަމަ ހަމަ ހައްގުތަކަށް" ވާނެ ގޮތަކާ މެދު އަމިއްލައަށް ސުވާލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. "ކިހިނެއްތޯ އޭރުން އެމެރިކާގެ ކުރިމަގަށް ވެގެންދާނީ" ސަންޑާސް ވިދާޅުވިއެވެ.

މިހާރު އުމުރުފުޅުން 70 އަހަރުގެ ސަންޑާސް ސިޔަސީ ހަޔާތް ފެއްޓެވީ، 1976 ވަނަ އަހަރު އެމެރިކާގެ އެންޓި ކެޕިޓަލިސްޓް ލިބަޓީ ޔޫނިއަން ޕާޓީންނެވެ. (އޭއެފްޕީ)