ޑޭވިޑް ކެމަރޮން، އިނގިރޭސިވިލާތުގެ ރާނީ، ކްއީން އެލިޒެބަތަށް އިސްތިއުފާ ހުށަހަޅުއްވައިފި އެވެ. އެގައުމުގެ ބޮޑުވަޒީރުކަމުން ކެމަރަން އިސްތިއުފާ ދެއްވީ، އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް އެ ގައުމުގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ލިބުމާ އެކު އެވެ. ރާނީ ވަނީ ކެމަރަންގެ އިސްތިއުފާ ގަބޫލުކުރައްވާފަ އެވެ.
އިނގިރޭސިވިލާތުގެ ރާނީގެ ގަނޑުވަރުގައި މިއަދު އޮތް ރަސްމިއްޔާތުގައި އިސްތިއުފާގެ ފަތްކޮޅު ކެމަރަން އެރުވުމާ ގުޅިގެން، ބޮޑު ވަޒީރުގެ މަގާމުން ކެމަރަން ރަސްމީކޮށް ވަކިވެވަޑައިގެންނެވީ އެވެ.
ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި ކެމަރަން ވިދާޅުވެފައިވަނީ، އީޔޫ އިން ވަކިވެ ގައުމުގެ ނައުގެ މިސްރާބު އެހެން ދިމާލަކަށް ގެންދިޔުމަށް އާ ލީޑަރެއް ބޭނުންވާ ކަމަށް އޭނާއަށް ގަބޫލު ކުރެއްވޭ ކަމަށެވެ. ކެމަރަން ވިދާޅުވީ، ގައުމުގެ ނައު ދަތުރުކުރާނެ މިސްރާބު ކަނޑައެޅުމަށް މިހާރު އޭނާ އަކީ އެންމެ އެކަށީގެންވާ މިހާއެއް ނޫނެވެ. އެހެންވެ، ގައުމު ހިންގާނެ އާ ލީޑަރަކަށް ބޭނުންވާ ކަމަށް ކެމަރަން ވަނީ ވިދާޅުވެފަ އެވެ.
"މިއީ ފަސޭހަވެގެން ނިންމާ ނިންމުމެއް ނޫން. އެހެން ނަމަވެސް ރައްޔިތުން ވަކި ގޮތަކަށް ބަސް ބުނުމުން އެކަމަށް ޖާގަ ދޭން އެބަ ޖެހޭ. ގައުމުގެ މިސްރާބުން މުޅިން އާ ދިމާލަކަށް ރައްޔިތުން ގެންދަން ބޭނުންވާ އިރު އާ ލީޑަރެއް އެބަ ބޭނުންވޭ. މިިދިޔަ ހަ އަހަރު، އިނގިރޭސި ބޮޑު ވަޒީރު ކަމުގައި އަހަންނަށް ލިބުނު ފަހުރެއް،" ކެމަރަން ވިދާޅުވެފައިވެ އެވެ.
ކެމަރަން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ދެ ބޭފުޅަކު ވަނީ ވާދަކުރައްވާފަ އެވެ. ނަމަވެސް އެއް ކެނޑިޑޭޓް ކަމަށްވާ އެންޑްރޭ ލީޑްސަމް ވަނީ އިއްޔެ އެ ރޭހުން ވަކިވެވަޑައިގަންނަވާފަ އެވެ. އެހެންކަމުން އެ ގައުމުގެ ބޮޑު ވަޒީރުގެ މަގާމާ ދެން ހަވާލުވެވަޑައިގަންނަވާނީ ޓްރީސާ މޭ އެވެ.