ރާއްޖެ ކުޅިވަރު

ސުޒޭންގެ ކޯޗް ކަމުގެ ދަށުން ކުޅުމަކީ ލިބުނު އުފަލެއް: ދަގަނޑޭ

Jul 13, 2016
5

ރާއްޖޭގެ އެއްވަނަ ކޯޗް މާޒިޔާގެ އަލީ ސުޒެއިންގެ ކޯޗް ކަމުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް މިރޭ، މާޒިޔާއަށް ކުޅެން ސޮއި ކުރި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

މާޒިޔާއަށް ސޮއި ކުރުމަށްފަހު، ދަގަނޑޭ އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މާޒިޔާއަށް ކާމިޔާބު ހޯދައިދިނުމަށް ޓަކައި އޭނާގެ ފަރަތުން 100 ޕަސަންޓް ދޭނެ ކަމަށެވެ.

"މާޒިޔާއާ ގުޅުމުގެ ފުރުސަތު ތަނަވަސް ވުމަކީ ލިބުނު އުފަލެއް. އެކަމަށް ޓަކައި މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު (މާޒިޔާ އަހްމަދު) އަށް ޝުކުރު އަދާ ކުރަން" ދަގަނޑޭ އޭނާގެ ފޭސް ބުކް ޕޭޖުގައި ބުނެފައިވެއެވެ.

ދަގަނޑޭ މިރޭ، މާޒިޔާއަށް ސޮއި ކުރިއިރު، އެއް ހަފުތާ ކުރިން އޭނާ ވަނީ މާޒިޔާގެ ބައެއް ފަރިތަ ކުރުންތަކުގައި ބައިވެރިވެފައެވެ.

ދަގަނޑޭ އެންމެ ފަހުން ކުޅެފައިވަނީ މެލޭޝިއާގެ ޕީޑީއާރްއެމްއަށެވެ. ދަގަނޑޭއާ އެކު ހަދައިފައިވާ ކޮންޓްރެކްޓް ޕީޑީއާރް އެމްއިން އުވާލީ ދަގަނޑޭއަށް ކުރިމަތިވި އަނިޔާއާ ގުޅިގެންނެވެ.