ދުނިޔެ

ނެމީބިއާގައި ޖަރުމަނުން ހިންގި ގަތުލުއާންމަށް މާފަށް އެދެނީ

Jul 14, 2016

ޖަރުމަނުން އިސްތިއުމާރު ކުރި، ހުޅަނގު އެފްރިކާގެ ނެމީބިއާގައި ހިންގި ގަތުލުއާންމަށް ރަސްމީ ސިފައިގައި މާފަށް އެދެން ހުށަހަޅަން ޖަރުމަންގެ ހާރިޖީ ވުޒާރާއިން ނިންމައިފި އެވެ.

ނެމީބިއާގައި ހަރަކާތްތެރިވި ޖަރުމަނުގެ އަސްކަރިއްޔައިން ވަނީ 1904 ވަނަ އަހަރުން 1908 ވަނަ އަހަރަށް، ހެރޭރޯ އާއި ނަމާ ޝިއުބުގެ 75000 މީހުންނަށް ވުރެ ގިނައި މަރާލައި އެތައް ބަޔަކު އަޅުންގެ ގޮތުގައި ގެންގުޅެފަ އެވެ. އެ ގަތުލުއާންމު ހުއްޓާލީ ދެ ގައުމުގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށް ފަހު އެވެ.

ޖަރުމަންގެ ރައީސް ޖޯކިމް ގޯކް ވިދާޅުވީ މިކަން ވެގެންދާނީ ޖަރުމަނުން ނެމީބިއާގެ ސަރުކާރަށް ހުށަހަޅާ ރަސްމީ މާފްގެ ގޮތުގައި ކަމަށެވެ.

ހާރިޖީ ވުޒާރަގެ އޮފިޝަލަކު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމެންޓްތައް ބަދަލު ކުރެވިފައިވާ ކަމަށާއި އެގޮތުން ނެމީބިއާގައި ލޮނު ފެނުން ފެން އުފައްދާނެ ނިޒާމެއް ޖަރުމަންގެ ސަރުކާރުން ގައިމުކޮށްފައިވާ ކަމަށެވެ.

ޖަރުމަނުން ވަނީ 1884 ވަނަ އަހަރުން 1915 ވަނަ އަހަރާއި ހަމައަށް ހުޅަނގު އެފްރިކާގެ ބައެއް ގައުމުތައް އިސްތިއުމާރުގެ ދަށުން އަޅުވެތިކޮށްގެން ގެންގުޅެފައެވެ.

ޖަރުމަންގެ ސަރުކާރުން ނެމީބިއާގެ ކިބައިން މަފަން އެދެން ނިންމީ، މިދިޔަ މަހު ޖަރުމަންގެ ގާނޫނު ހަދާ މަޖިލީހަށް އެ މައްސލަ ހުށަހަޅައި، މަޖިލީހުން އެކަން ފާސް ކުރުމުންނެވެ.