ހަބަރު

އެމެރިކާގެ ލޮބީ ގްރޫޕެއް ދިވެހި ސަރުކާރުން ނަގައިފި

Jul 14, 2016
1

އެމެރިކާޔާ ގުޅޭ ހާރިޖީ ކަންކަމުގައި ރާއްޖެއަށް ލަފާދީ ރާއްޖޭގެ ސިޔާސަތުތައް ދެމެހެއްޓުމަށް އެމެރިކާގެ ސިޔާސީ ފަރާތްތަކަށް ލޮބީ ކުރުމަށް އެ ގައުމުގެ އެންމެ ބޮޑު އެއް ލޯފާމް، އާ އެކު ރާއްޖެއިން ސޮއިކޮށްފި އެވެ.

އެމެރިކާގެ ފޮރިން އެޖެންޓްސް ރެޖިސްޓްރޭޝަން އެކްޓް(ފާރާ)ގެ ދަށުން ސްޓޭޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ލޮބީ ގްރޫޕެއްގެ ގޮތުގައި މަސައްކަތްކޮށް، އެމެރިކާޔާ ގުޅޭ އެކި ހާރިޖީ ކަންކަމުގައި ދިވެހި ސަރުކާރަށް ލަފާ ދިނުމަށް ނަގާފައި ވަނީ، އެ ގައުމުގެ އެންމެ ފައިދާ ބޮޑު ލޮބީ ގްރޫޕް، "އެކިން ގަމްޕް ސްޓްރައުސް ހައުއާ އެންޑް ފެލްޑް" ކިޔާ ލޯފާމް އެކެވެ.

މި މަހުގެ 23 ވަނަ ދުވަހު އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓަށް އެ ލޯފާމް އިން ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެ އެގްރިމަންޓްގެ ދަށުން އެމެރިކާގެ ކޮންގްރެސް އާއި އެމެރިކާޔާ ގުޅުން ހުރި އެހެން ވެސް ހާރިޖީ ކަންކަމުގައި ރާއްޖޭގެ ހާރިޖިއްޔާއާ އެކު ކުރާ މަސައްކަތުގެ ފީއެއްގެ ގޮތުން އެ ކުންފުންޏަށް މަހަކު، 55،000 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އެގްރިމަންޓްގައި ސޮއި ކުރާ އިރު، ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުން 55،000 ޑޮލަރު ވަނީ ދައްކައިފަ އެވެ. ހަ މަސްދުވަހުގެ މުއްދަތަށް ހަދާފައިވާ އެ އެގްރިމަންޓްގައިވާ ގޮތުގައި ސަރުކާރުން ބަރާބަރަށް ފައިސާ ދައްކާ ނަމަ، އެގްރިމަންޓްގެ މުއްދަތު ހަމަވުމުން އެ ސެކިއުރިޓީ ޑިޕޮސިޓް އަނބުރާ ސަރުކާރަށް ދައްކަން ޖެހެ އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް ހަދާފައިވާ އެ އެގްރިމަންޓްގެ ދަށުން ސަރުކާރުން އެ ކުންފުންޏަށް، ޖުމްލަ 330،000 ޑޮލަރު (5.1 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ.

އެ ޑޮކިއުމަންޓްތަކުގައިވާ ގޮތުގައި، ސަރުކާރުގެ އިސްނެގުމަކަށް އެ ލޯފާމް އިން ކުރަން ޖެހޭ ދަތުރުތަކަށާއި ސަރުކާރުން އެދިގެން ކުރަން ޖެހޭ އެހެނިހެން ކަންކަމަށް، ހަރަދުވާ އަދަދު، 250 ޑޮލަރަށް ވުރެ ބޮޑު ވެއްޖެ ނަމަ، އިތުރުވި ފައިސާ އެ ކުންފުންޏަށް ރާއްޖެއިން ދައްކަން ޖެހޭނެ އެވެ. އަދި އެ އަދަދަށް ވުރެ އިތުރަށް ފައިސާ ހަރަދުވާ ގޮތުގެ ތަފްސީލްތައް އެކަމެއް ކުރުމުގެ ކުރިން ދިވެހި ސަރުކާރަށް ހުށަހަޅާ އެ އެޕްރޫވަލް ހޯދަން ޖެހޭނެ ކަމަށް ވެސް އެގްރިމަންޓްގައިވެ އެވެ.

"އެމެރިކާގެ ކޮންގްރެސް އާއި ސަރުކާރުގެ އާންމު ސިޔާސަތުތަކާ ގުޅޭ ގޮތުން ރާއްޖޭގެ ސަރުކާރަށް ލަފާދިނުމާއި އެހީތެރިކަން ދިނުމަށް އެއްބަސްވަމެވެ،" އެގްރިމަންޓްގައިވެ އެވެ.

އެމެރިކާގެ ޕީއާރުފާމެއް ކަމަށްވާ، ޕޮޑެސްޓާ ގްރޫޕާ އެކު ވެސް ރާއްޖެއިން މީގެ ކުރިން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި ކުރިމަތިވި ޕްރެޝަރުތަކާ ހުރެ، އިނގިރޭސިވިލާތުގެ ލޯފާމް އޮމްނިއާ ސްޓްރެޓަޖީއާ އެކު ވެސް ރާއްޖެއިން ވަނީ މަސައްކަތް ކޮށްފަ އެވެ.

މީގެ ކުރިން ރައީސް މައުމޫންގެ ސަރުކާރުގައި ވެސް ރާއްޖެއިިން އިނގިރޭސި ލޯފާމްއެއްގެ އެހީ ހޯދި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެކި ސިޔާސަތުތައް އެކުލަވާލުމާއި ބައިނަލްއަގުވާމީ މައްސަލަތަކުގައި ލަފާ ދިނުމަށް އިނގިރޭސި ޕީއާރު ސްޕެޝަލިސްޓުން ނަޝީދު ވެސް ވަނީ އެކި ފަހަރުމަތިން ހަޔަ ކުރައްވައިފަ އެވެ.

އެގްރިމަންޓްގެ ލިންކް: http://www.fara.gov/docs/3492-Exhibit-AB-20160623-38.pdf