ރާއްޖެ ކުޅިވަރު

ޗެރަސް ބަލިކޮށް މާޒިޔާ އޭއެފްސީ ކަޕަށް

މެޗުގެ ފަހުކޮޅު ސަމްދޫހު މުހައްމަދު ޖެހި ލަނޑާއެކު އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ފިލިޕީންސްގެ ޗެރަސް އަތުން 1-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައިވަނިކޮށް، މާޒިޔާ އިން ލީޑު ނެގީ 81 ވަނަ މިނިޓުގައި ޑިފެންޑަރު ސަމްދޫހު ޖެހި ލަނޑުންނެވެ. ޗެރަސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އެ ޓީމުގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދުމަށް ފަހު، ސަމްދޫހު ހުރަސްކޮށްލި ބޯޅަ ވަނީ ގޯލަށް އަމާޒުވެފަ އެވެ.

މިދިޔަ އަަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ މި މެޗުން މޮޅުވުމުން، އެ ޓީމަށް ވަނީ އޭއެފްސީ ކަޕްގެ ގުރޫޕް އީ އިން ޖާގަ ލިބިފަ އެވެ. ގުރޫޕްގައި އޮތީ އިންޑިއާގެ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީ އާޢި އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އަދި ސިންގަޕޫރުގެ ވޯރިއާސް އެވެ. މާޒިޔާ ވަނީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ވެސް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ މިނިޓުގެ ތެރޭގައި މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ މާޒިޔާގެ މިޑްފީލްޑަރު މުހައްމަދު އުމެއިރެވެ. ޕެނަލްޓީ އޭރިޔާ ބޭރުން އުމެއިިރު ފޮނުވާލި ބާރު ޝޮޓް ގޯލަށް އަމާޒުވާ ގޮތެއްނުވި އެވެ.

ފުރަތަމަ ހާފުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އާއި މޫސާ ޔާމީން ނުރައްކާތެރި ޝޮޓުތަކެއް ފޮނުވާލި ނަމަވެސް ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވި އެވެ.

ފުރަތަމަ ހާފުގައި މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ޗެރަސްގެ އެޑްރިއަން ގަލާޑޯ އާއި ޖެފްރީ ކްރިސްޓިއަންސް ފޮނުވާލި ދެ ހަމަލާއެއް ދިފާއުކޮށްފަ އެވެ.

މާޒިޔާ އިން ލީޑު ނެގި ފަހުން، ޗެރަސް އިން ވަނީ މާޒިޔާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެކަމަކު މާޒިޔާގެ ގޯލްކީޕަރު އިމްރާނާއި ޑިފެންޑަރުން ވަނީ ޗެރަސްގެ ހަމަލާތައް ދިފާއުކޮށްފަ އެވެ.