މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން އިސްލާމީ މަރުކަޒުގެ މާބަލް ޖަހައިފައި އޮންނަ ސަރަހައްދުގައި ބާއްވަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސާއި އަނބިކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވަން ނިންމާފައިވާ ކަމަށާއި އެ ރަސްމިއްޔާތުގައި ބައިވެރިވާ ފަރާތްތަކަށް މިހާރު ދައުވަތު ފޮނުވަން ފަށާފައިވާ ކަމަށެވެ.
އަދި ބުނީ އެ ރަސްމިއްޔާތު ވެގެންދާނީ ނުވަ އަހަރަށް ފަހު އެންމެ ގިނަ މީހުނަށް ދައުވަތު އަރުވައިގެން ކުރިޔަށް ގެންދާ އެފަދަ ބައްދަލުވުމަށް ކަމަށެވެ.
މިނިވަން ކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތު ކުލަ ގަދަކޮށް ފާހަގަ ކުރަން ސަރުކާރުން ވަނީ ތަފާތު ހަރަކާތްތައް ރާވާފަ އެވެ.