ދައުރު ހަމަވީއިރުވެސް އިންތިހާބު ނުބޭއްވުނު ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ)ގެ މިހާރުގެ އެކްސްކޯގެ ދައުރަށް އިތުރު ތިން މަހުގެ މުއްދަތެއް ހޯމް މިނިސްޓްރީން ދީފިއެވެ.
ކުރިން އޮތްގޮތުން ނަމަ އެކްސްކޯގެ ދައުރު ހަމަވާނީ މާދަމާއެވެ.
'އަވަސް' އާ ވަހަކަ ދައްކަމުން އެމްބީއޭގެ ޖެނަރަލް ސެކެޓްރީ އާރިފު ރިޒާ ވިދަޅުވީ، ހޯމް މިނިސްޓްރީން މިހާރުގެ އެކްސްކޯއަށް އިތުރު ތިން މަހުގެ މުއްދަތު ދިނީ ހަމައެކަނި އިންތިހާބުގެ މަސައްކަތައް ކަަމަށެވެ.
ދައުރު ހަމަވީއިރުވެސް އެމްބީއޭގެ އިންތިހާބު ނުބޭއްވުނީ މިހާރުގެ އެކްސްކޯއަށް އިންތިހާބުގެ ތާރީހް ކަނޑައެޅުމަށް ބާއްވަން އުޅުނު ޖަލްސާ ނުބޭއްވުމުންނެވެ.
ދައުރު އިތުރު ކުރި ނަމަވެސް އިންތިހާބުގެ ތަރީހު ކަނޑައެޅުމަށް މިހާރު އޮތް އެކްސްކޯއާއެކު ޖަލްސާއަށް އެއްވިދާނެތޯ ސުވަލުކުރުމުން އާރިފް ވިދާޅުވީ "އޮލިމްޕިކް ކޮމިޓީގެ ދައުރާއެކު، އެކްސްކޯ މެންބަރުން އެއް ތަން ކުރެވިދަނެ ފޯމިއުލާއެއް ގެނެވިދާނެ ކަމަށް ގަބޫލު ކުރާ" ކަމަށެވެ.
އިތުރު ކުރި ތިން މަހުގެ މުއްދަތުގައިވެސް އިންތިހާބު ނުބޭއްވިއްޖެނަމަ، ދެން އިންތިހާބުގެ މަސައްކަތް ކުރުމަށް ނޯމަލއިޒޭޝަން ކޮމިޓީއެއް، ދުނިޔޭގެ ބާސްކެޓްބޯލް ފެޑްރޭޝަން (ފީބާ) އިން އައްޔަން ކުރަނެ ކަމަށް ބެލެވެއެވެ.