މުޅި ދުނިޔެއަށް އިނގިރޭސިންގެ ނޫފޫޒާއި ބާރު ފަތުރަން އެ މީހުން ކެނޑިނޭޅި މަސައްކަތް ކުރެ އެވެ. އިނގިރޭސި ރަސްކަމުގެ ބާރުގެ ދަށުގައި އެތައް ގައުމެއް ވަނީ އޮބަހައްޓައިފަ އެވެ. އެންމެ ކައިރިން ފެންނަ، މިސާލަކީ ރާއްޖޭގެ ދާހިލީ، އެކި އެކި މައްސަލަތަކުގެ ތެރެއަށް އިނގިރޭސިން ގޮތްކިޔާލެއް ގިނަ ކަމާއި އެ މީހުންގެ ނުފޫޒު ފޯރުވަން ކުރާހާ މަސައްކަތެވެ. މި ހުރިހާ ކަމެއް ވެސް ގޮސް ގުޅިފައި އޮތީ، އިނގިރޭސި ހާރިޖީ ސިޔާސަތާ އެވެ.
އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުގެ ވޯޓާ އެކު ކުއްލި އަކަށް ފުރޮޅިގެން ދިޔަ އިނގިރޭސި ވެރިކަމާ އެކު، ހާރިޖީ ވަޒީރު ނޫނީ އެ ގައުމުގެ ފޮރިން ސެކްރެޓަރީގެ މަގާމަށް ވެސް މި ވަޑައިގަތީ އާ ބޭފުޅެކެވެ. އިނގިރޭސި ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގެ ހުރިހާ ޒިންމާއެއް މިހާރު އޮތީ، އީޔޫ އިން އިނގިރޭސިން ވަކިވުމުގެ ކެމްޕޭންގެ އެންމެ ކުރީގައި ހުންނެވި، ލަންޑަންގެ ކުރީގެ މޭޔަރު، ކޮންޒވޭޓިވް ޕާޓީގެ ބޮރިސް ޖޯންސަންގެ އަތް މަތީގަ އެވެ.
އިނގިރޭސީންގެ ކޮންމެ ހަރަކާތްތަކަށް ފާރަވެރިވެ އޮންނަ ދުނިޔޭގެ އެތައް ބޮޑެތި ގައުމުތަކަށް މިކަން ވީ ޝޮކަކަށެވެ. އެއް ބަޔަކަށް އެކަން ޖޯކަކަށް ވީ އިރު، އަނެއް ބައި ގައުމުތައް ތިބީ ރަތަށް އަރައިފަ އެވެ. މުޅި އިނގިރޭސި މީޑިއާ ވެސް އަދި ދުނިޔެ ވެސް، ބޮރިސް ބަލައިގަނެފައި އޮތީ ސިޔާސީ ބޮޑު ޖޯކަރެއްގެ ގޮތުގަ އެވެ. އޭނާ ނޫސްވެރިންނަށް ދެއްވާ ރުންކުރު ޖަވާބުތަކާއި ބައެއް ފަހަރު ކުރާ ތާކުންތާކު ނުޖެހޭ ކަންތައްތަކާ ހުރެ، އެހާ ސީރިއަސް ޒިންމާއެއް އޭނާއަށް އަދާ ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދާ އެތައް ބަޔަކު އެބަ ތިއްބެވެ؟
ބޮރިސް އަކީ ކާކު؟
ސިޔާސީވެ ވަޑައިގަތް، ލަންޑަންގެ މޭޔަރުކަން ހޯއްދެވުމުގެ ކުރިންނާއި އެއަށް ފަހު ވެސް އޭނާ ފާހަގަ ކުރެވުނީ ނޫސްތަކަށް ލިޔާ ނުލާހިކު ކުޅަދާނަ ކޮލަމިސްޓެއްގެ ގޮތުގަ އެވެ. އޭނާގެ ކޮލަމްތަކުގެ ތެރެއަށް ފީނާލާ އިރު، ބޮރިސް އެންމެ ރުޅިއަރާ ލީޑަރުންގެ ތެރޭގައި، އެމެރިކާގެ ރައީސް ބަރަކު އޮބާމާ އާއި، އޭނާއަށް ފަހު އެމެރިކާގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލޭވޭ، ކުރީގެ ހާރިޖީ ވަޒީރު ހިލަރީ ކްލިންޓަން އާއި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ހިމެނޭކަމަށް އޭނާ ވަނީ ފާޅުގައި ލިޔުއްވައިފަ އެވެ.
މިކަހަލަ ވަރުގަދަ ލިޔުންތަކާ ހުރެ، ގިނަ ގައުމުތަކުން ބުނަނީ، ބޮރިސް އަކީ މިކަހަލަ ބޮޑު މަގާމެއް ފުރަން "އިތުބާރު ގެއްލިފައިވާ" ބޭފުޅެއް ކަމަށެވެ. އީޔޫ އިން އޭނާ ބަލައިގަންނަނީ ދޮގުވެރި އަދި ބޮޑު މަކަރުވެރިއެއްގެ ގޮތުގަ އެވެ. އީޔޫ އިން ބުނަނީ އިނގިރޭސިން އެ ޖަމާއަތުން ވަކި ކުރަން ނެގި ވޯޓް ކެމްޕޭންގައި އެ ޖަމާއަތާ ބެހޭ ގޮތުން އޭނާ ހެއްދެވީ ހުސް ބުހުތާނު ދޮގު ކަމަށެވެ.
ގައުމުތަކުން ވިސްނުން ހުރީ ކިހިނެއް؟
ޔޫރަޕްގެ އިއްތިހާދުގެ އެންމެ ބާރުގަދަ ދެ ގައުމު ކަމަށްވާ ފްރާންސާއި ޖަރުމަންގެ ހާރިޖީ ވަޒީރުން ބޮރިސް ސިފަ ކުރީ ނުބައި ނުލަފާ މީހެއްގެ ގޮތުގަ އެވެ. އަދި އޭނާއަކީ "އަހްލަގް ގޯސް" މީހެއްގެ ގޮތުގައިވެސް ވަނީ ސިފަކޮށްފަ އެވެ.
އިނގިރޭސި ހާރިޖީ ވަޒީރުކަން ބޮރިސް ޖޯންސަންއަށް ދިނުމުން، އެކަމާ ހައިރާންވިތޯ ޔޫރަޕް ރޭޑިއޯ 1' ން ފްރާންސްގެ ހާރިޖީ ވަޒީރު، ޖީން މާކް އަރައިލްޓާ ސުވާލު ކުރުމުން ވިދާޅުވީ "އަހަންނަކަށް ނޭނގެ އެއީ އަހަންނަށް ސަޕްރައިޒެއް ކަމެއް. އެއިން އަންގައިދޭ ހެއްކަކީ، އިޔޫއިން ވަކިވުމަށް ނެގި ވޯޓަށް ފަހު އިނގިރޭސި ސިޔާސީ މަސްރަހު އަނދަވަޅަކަށް ވެއްޓިފައިވާ ކަން" ކަމަށެވެ. ބޮރިސްއާ މުއާމަލާތް ބޭނުން ނުވަކަން ހާމަ ކުރައްވަމުން ޖީން މާކް ވިދާޅުވެފައިވަނީ ފްރާންސުން މުއާމަލަތް ކުރަން ބޭނުމީ އިތުބާރު ހިފޭ މީހަކާ" ކަމަށެވެ.
ވެރިރަށް ބާލިންގައި ވަހަކަ ދައްކަވަމުން ޖަރުމަންގެ ހަރިޖީ ވަޒީރު، ފްރޭންކް ވޯލްޓާ ސްޓެއިންމާ ވިދާޅުވީ، އަގެއް ނެތް މީހަކު އިނގިރޭސި ހާރިޖީ ވަޒީރު ކަމަށް އައުމަކީ ހަމައެކަނި އިނގިރޭސިންގެ ހައިބަތަށް ލިބުނު ހުތުރެއް ނޫން ކަމަށާއި މުޅި ޔޫރަޕަށްވެސް އެ ހުތުރު ލިބިގެންދާނެ ކަމަށެވެ. ޔޫރަޕްގެ އިތުރުން އެމެރިކާއާއި މެދު އިރުމަތީގެ ގައުމު ތަކުން ބޮރިސްއާ މެދު ދެކެނީ، ކިހިނެއް ހެއްޔެވެ. މި ހުރިހާ ސަބަބުތަކާ ހުރެ ޔޫރަޕްގެ ބޮޑެތި ބާރުތަކާއި އިނގިރޭސިންނާ ދެމެދު އޮންނަ ގުޅުންތައް މި ފަހުން ހީނަރު ނުވާ ވަރަށް ހީނަރުވެދާނެ ކަމަށް މި ވަނީ ވަރަށް ވެސް ބޮޑަށް ލަފާކުރެވިފަ އެވެ.
އެމެރިކާއަށް ވީ ބޮޑު ޖޯކަކަށް!
އިނގިރޭސިންގެ އަބަދުވެސް އެންމެ ގާތް އެކުވެރިޔާ އެމެރިކާ އިން ވެސް ބޮރިސްއާ މެދު ހިތްހަލާލެއް ނޫނެވެ. އެމެރިކާގެ ހާރިޖިއްޔާ އިން އެކަން ސިފަކުރީ ބޮޑު، މަޖާގަނޑެއްގެ ގޮތުގަ އެވެ. ބޮރިސް ޖޮންސަންއަށް މަރުހަބާ ކިޔަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ސްޕޯކްސްޕާސަން، މާކް ހިނި ގަނޑެއް ޖަހާލުމަށް ފަހު ވިދާޅުވީ، "މި އޮތްބޮޑު އެމެރިކާ މި އޮތީ ބޮރިސްއާއެކު ކުރިއަށްދާން ތައްޔާރަށް"ކަމަށެވެ. އެކަމަކު އޭނާގެ ވާހަކަދެއްކުމުގެ ރާގު ހުންނެވީ މަލާމާތް ކުރާ ގޮތަށެވެ.
ކުރިން ލަންޑަންގެ މޭޔަރުކަންވެސް ކުރައްވާފައިވާ ބޮރިސް ޖޯންސަން 'ދަ ސަން' އަށް ލިޔުއްވާފައިވާ އާޓިކެއްގައި އެެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ފާޑު ވިދާޅުުވުމުން، އެމައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި ހިލަރީ ކްލިންޓައަށް ނިސްބަތްކޮށް ބޮރިސް ވިދާޅުވެފައިވަނީ ހިލަރީ އަކީ "ސިކުނޑި އުނި މީހުންނަށް ފަރުވަދޭ ހޮސްޕިޓަލެއްގެ ނަރުހެއް" ކަމަށެވެ.
އިނގިރޭސިވިލާތުގެ އެތެރޭގައި ވެސް ބޮރިސްއަށް އޮތް ފާޑުކިޔުން އަދި މާބޮޑެވެ. އެގައުމުގެ، ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޑެޕިއުޓީ ޗެއާމަން ވިދާޅުވީ "އެޒާތުގެ މީހެއް މިނިސްޓަރު ކަމަށް ހިޔާރު ކުރެއްވުމުން ބޮޑު ވަޒީރު މޭ ގެ ހައިބަތު ބަލިކަށި ވެގެން ހިގައްޖެ" ކަމަށެވެ.
ބޮރިސްއާ މެދު އެންމެ ގިނަބަޔެއްގެ މައްސަލައަކީ އޭނާއަށް އިތުބާރު ގެއްލުމެވެ. އެވާހަކަތައް ތަކުރާރު ކުރައްވަމުން، ޖަރުމަންގެ ގްރީން ޕާޓީގެ ޑެޕިއުޓީ ޕާޓީިގެ ލީޑަރު ސިމިއޯން ޕީޓާ ވިދާޅުވީ "އެއީ ބުޅަލަކަށް ކްރީމް ކޮޅެއް ރައްކާ ކުރަން ދިނުން" ފަދަ ކަމެއް ކަމަށެވެ.
ޗައިނާގެ ސޯޝަލް ނެޓްވޯކް، 'ވީޗެޓް'ގައި އެ ގައުމުގެ މަޝްހޫރު ކޮމެންޓޭޓަރަކު ލިޔެފައިވެ އެވެ؛ "ދުނިޔޭގެ މީޑިއާގެ ސަމާލުކަން، ބޮރިންސް ޖޯންސަންއަށް ކުރިއަށް އޮތްތަނުގައި ލިބިގެންދާނެ. ބޮޑުދައިތަ މޭ (އިނގިރޭސި ބޮޑުވަޒީރު) ހީކުރީ ކަންނޭންގެ ބޮރިސްއަކީ މެސްކޮޓެއް ކަމަށް. އަހަންނަށް ކިތަންމެ އިރަކުވެސް ބޮރިސް ޓީވީއިން ދައްކަންޏާ ބަލަން ހުރެވިދާނެ" ކަމަށެވެ.
ޗައިނަގެ ސޯޝަލް ވިއުގައިގެ ވެބްސައިޓެއްކަމަށްވާ 'ވެއިބޯ' ގައި މިހާރު އެންމެ ޓްރެންޑިން މައުލޫއަކަށް ވެފައި އޮތީ ވެސް ބޮރިސް ޖޯންސަންއެވެ. ބައެއް މީހުންނަށް ބޮރިސްގެ ފޮރިން ޕޮލިސިއަށްވުރެ އަޅައިގަތީ އޭނާގެ ބޮލުގައި އޮންނަ ފަން އަދި ރަން ކުލައިގެ އިސްތަށި ގަނޑެވެ.
"ބޮރިސް ޖޯންސަންއަށް ބަލާލަފައި ކަލޭމެންނަށް އެނގޭނެ އިނގިރޭސިވިލާތުގައި ހެއާ ޑްރެސިން ފެންވަރު ހުންނަ ގޮތް" ވެއިބޯގައި ބޮރިސްގެ ވާހަކަ މަޖާގަނޑަކަށް ހަދާލަމުން މީހަކު ބުނެފައިވެ އެވެ.
ޗައިނާ ސަރުކަރުގެ އިސް އޮފިޝަލެއްގެ ރަސްމީ ބަހެއް ބޮރިސް ޖޮންސަންއާ ބެހޭގޮތުން އަދި މިހާތަނަށް ލިބިފައެއް ނެތެވެ. ޗައިނާ ހާރިޖީ ވުޒާާރާގެ ހުޅަނގުގެ ޑިޕްލޮމެޓަކު ބުނެފައިވަނީ ބޮރިސް ހާރިޖީ ވަޒީރު ކަމަށް އަތުވެދާނެ ކަމަށް އޭނާގެ ހިތް އަދިވެސް ގަބޫލު ނުކުރާ ކަމަށެވެ.
އިޒްރޭލުގެ ބޮޑު ސަޕޯޓަރެއް
ފަލަސްތީނައި އިސްރާއީލްގެ މައްސަލައިގައި އޭނައަކީ އިސްރާއީލްގެ ވަރުގަދަ ސަޕޯޓަރެކެވެ. ސައުދީއިން އިސްވެ އެކުލަވަލައިފައިވާ ގަލްފްގެ އަސްކަރީ ކޯލިޝަނަށް އިނގިރޭސިި ވިލާތުގެ ތާއީދު އޮތުމަކީ، ސައުދީ ސަރުކާރުން ބޮރިސްއާ މެދު ވަކި އެއްޗެއް ބުނަން ބޭނުން ނުވި މައިގަނޑު އެއް ސަބަބުކަމުގައި ވެދާނެ އެވެ.
މެދުއިރުމަތީގެ ގައުމުގެ މައްސަލަތަކުގެ ވާހަކަ ދައްކާ އިރު އީރާނުގެ މައްސަލައިގައި އޭނާ ގެންގުޅޭނެ ސިޔާސަތަކަށް ވާނީ ކޮންކަމެއް ހެއްޔެވެ؟މިއީ އެންމެންގެ ބޮޑު ސުވާލެކެވެ. ސަބަބަކަށް ވަނީ، މިއީ ބޮރިސް ވަރަށް ޒިޔަރަތް ކުރާ ހިއްވާ އޭނާގެ ފޭވަރިޓް ގައުމަކަށް ވާތީ އެވެ. ދެހާސް އަށްވަނަ އަހަރު މޭޔަރުގެ ގޮތުގައި ހުންނެވިއިރު، އެންމެ ދާހިތްވާ ގައުމަކީ ކޮބައިތޯ ސުވާލުކުރުމުން ބޮރިސް ވިދޅުވީ އީރާން ކަމަށެވެ.
"އިރާންގައި އަހަންނަށް ހަފުތާއެއްގެ ޗުއްޓި ވަރަށް ރަނގަޅަށް ހޭދަ ކުރެވިދާނެ" ބޮރިސް ވިދާޅުވެފައިވެ އެވެ. އިރާންގައި ބޮރިސްގެ މަގުބޫލުކަން އިތުވެފައިވަނި އޭގަ ފަހުންނެވެ. ނަމަވެސް، ސިރިޔާގެ ސަރުކަރާއި އިދިކޮޅު ފަރަތްކަށާއި ސައުދީ އިސްވެ އެކުލަވާލި އަސްކަރީ ކޯލިޝަނަށް ބޮރިސް ތާއީދު ކުރަކަން ހަމަކުރުމަކީ އިރާންގެ ސަރުކާރުން، ބޮރިސްއާ މެދު ހިތްހަމަޖެހޭނެ ކަމެއް ނޫނެވެ.
އެފްރިކާ ބައްރު
އެފްރިކާގެ މައްސަލަތަކުގައި ކޮން ސިޔާސަތެއް؟
އިނގިރޭސިންގެ ނުފޫޒާއި މަގުބޫލުކަން އެފްރިކާ ބައްރުގައި ވަރަށް ބޮޑެވެ. ހާއްސަކޮށް މިވޭތުދެފިޔަ 10 އަހަރު، އިނގިރޭސިންގެ ނުފޫޒު އެފްރިކާ ބައްރުގައި އަންނަނީ ހަލުވި މިނެއްގައި ފެތުރި ފުޅާވަމުންނެވެ.
އެފްރިކާގެ އެންމެ ނުފޫޒުގަދަ ގައުމު ދެކުނު އެފްރިކާއިން އިން އެކަން ނެގީ ޑިޕްލޮމެޓިކް ކޮށެވެ. ނަމަވެސް ދެކުނުގެ އެންމެ ބޮޑު ނިއުސް ވެބްސައިޓްގައި ބުނެފައިވަނީ "އެފްރިކަން ޔޫނިއަންއާ މުއާމަލާތް ކުރަން ޖެހޭއިރު ހާރިޖީ ދާއިރާގެ ތަޖުރިބާއެއް ބޮރިސްގެ ކިބައިގައި ނެތުމަކީ މައްސަލަ އެއް" ކަމަށެވެ.
ދެކުނު އެފްރިކާގެ އިންސްޓްޓިޔުޓް އޮފް ސެކިއުރިޓީ ސްޓަޑީޒްގެ އިތުރުން އެގައުމުގެ މަޝްހޫރު ޓީވީ އެނަލިސްޓެއް ކަމަށްވާ ޑރ. ޖާކީ ސިލާސް ވިދާޅުވެފައިވަނީ ބޮރިސް ހާރިޖި ވަޒިރު ކަމަށް ގެނައުމަށް ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ.
ކެންޔާ ސަރުކާރުގެ އޮފިޝަލެއް ވިދާޅުވީ، "ކެންޔާއިން ބަލަނީ މިހާގެ ޒާތަކަށް ނޫން، މީހާ ގެންގުޅޭ ސިޔާސަތައް" ކަމަށެވެ. އޭނަ ވިދާޅުވީ އައި ބަދާލާއެކު އިނގިރޭސިން ކެންޔާއާ މުއާމަލާތް ކުރުމުގައި ހަރުކަށި ކަމެއް ނުގެންގުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މިއީ އިނގިރޭސި ހާރިޖިއްޔާއަށް އައި ބަދަލާ ބޭހޭގޮތުން ދުނިޔޭގެ އެންމެ އިސް ގައުމުތަކުގެ ވިސްނުން ހުރި ގޮތެވެ. އިނގިރޭސިންގެ ހާރިޖީ ސިޔަސަތުގެ ސަބަބުން އެހެން ގައުމުތަކުން، އެގައުމަށް ކުރާ އިހްތިރާމާއި ގަދަރަށް އައި ބަދަލުގެ ސަބަބުން، އުނިކަން އަންނާނެ ކަން ގައުމުތަކުގެ ހާރިޖީ އޮފިޝަލުންގެ ބަހުން އެނގެއެވެ.
އަނެއް ކަމަކީ، މީގެ ކުރިން ހާރިޖީ އެއްވެސް މަސައްކަތެއްގައި ބައިވެރިވެ ވަޑައިގެންފައި ނުވާ ބޭފުޅަކު އިނގިރޭސި ހާރިޖިއްޔާއަށް އައުމުން އިނގިރޭސި ހާރިޖީ ސީޔަސަތައް ދެން ވެގެންދާނީ ކިހިނެތް ހެއްޔެވެ. އިނގިރޭސި އާ ސަރުކާރުން މި ކުރި ކަމަކީ، މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން ބާ އެވެ؟