ގަދަޔަށް ވައިޖެހި ކަނޑު ވަރަށް ބޮޑަށް ގަދަވެ، އިތުރަށް މޫސުން ގޯސްވަމުން އަންނާތީ، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ކަނޑުމަގުން ނުކުރުމަށް ސިފައިން އިލްތިމާސްކޮށްފި އެވެ.
ހއ އާއި ތ އަތޮޅާ ދެމެދުގެ ސަރަހައްދަށް މެޓް އޮފީހުން މިހާރު ވަނީ އެލާޓް ވެސް ނެރެފަ އެވެ. މެޓް އޮފީހުން ބުނީ، މިއަދު މެންދުރު 2:00 އިން އިރުއޮއްސި 6:00 އާ ހަމަޔަކަށް ގަޑިއަކު 30-40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ސިފައިން މިއަދު އާންމު ކުރި އިލްތިމާސްގައި ބުނެފައި ވަނީ، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ވެސް ފެށުމުގެ ކުރިން، އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ ދަތުރު ނުކުރުމަށް އެދޭ ކަމަށެވެ. ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓް، މުވާސަލާތީ ސާމާނު، ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ބެލުމަށް ފަހުގައި ނޫނީ ދަތުރުތައް ނުފެށުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށާއި ރަގަނޅަށް ލައިސަން ލެވިފަތޯ ޗެކް ކުރުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފަޅުތެރޭގަ އާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ރަނގަޅަށް ދިޔަހިއްކުމަށް ވެސް ސަމާލުކަންދިނުމަށް ވަނީ އެދިފަ އެވެ.
މެޓުން ބުނީ މާދަމާ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ.