ބޭރު ކުޅިވަރު

ވެލިޗްކޯވްގެ ލަނޑުން ނިއު އަށް މުހިންމު މޮޅެއް

ބަލްގޭރިޔާގެ ޑިފެންޑަރު ވެލިޗްކޯވް ވެލިޗޯފް ފަހު ވަގުތު ވިކްޓަރީ ކޮޅަށް ވައްދާލި ލަނޑުން 1-0އިން މޮޅުވެ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއު ރޭޑިއަންޓް މުހިންމު މޮޅެއް ހޯދައިފި އެވެ.

ޓޭބަލުގެ ހަޔަކާއި ހަތް ވަނާގައި އޮތް ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި ވާދަވެރި ދެ ޓީމުގެ ކުރިމަތިލުން ނިއު ކާމިޔާބު ކުރުމުން އެ ޓީމު ވަނީ ވިކްޓަރީއާ ފަސް ޕޮއިންޓް ފެއަށް ޖެހިލައިފަ އެވެ.

ނިއު އަށް މިވަގުތު 10 ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީ ހަތް ވަނާގައި ވަނީ ފަސް ޕޮއިންޓާއެކުގަ އެވެ. އަށް ޓީމު ވާދަކުރާ ޓޭބަލުގެ ފުލުގައިވަނީ އެއް ޕޮއިންޓާއެކު ބީޖީ އެވެ. ޓޭބަލުގެ އެއްވަނާގައިވަނީ 14 ޕޮއިންޓާއެކު މާޒިޔާ އެވެ. އެ ޓީމު މިރޭ ވާދަކުރާނީ 11 ޕޮއިންޓާއެކު ހަތަރުވަނާގައި އޮތް ޓީސީއާ އެވެ.

މި މެޗުގައި ލަނޑު ޖަހަން ނިއުއިން ވަނީ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ހާއްސަކޮށް ނިއުގެ މުހައްމަދު މުސްލިހާއި އަބުދުﷲ ހަނީފް (ބެންޖޯ) އަށް ލިބުނު ފުރުސަތުތައް ފާހަގަކުރެވުނެވެ. މުޅިން ހުސްކޮށް ފަހު ހާފުގައި ލިބުނު ބޯޅައަކަށް ކުރި އަރައި ކީޕަރު ބޯމަތިން މުސްލިހު ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށެވެ. އޭގެ ފަހުން ބެންޖޯ ހުސްކޮށް ހުރެ ގޯލަށް ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. އަދި ފަހު ހާފު ފަށައިގެން ގޯލު އޭރިޔާ ތެރެއިން ބެންޖޯ ޖެހި ބޯޅަ ގޯލަށް ނުވަނީ ގޯލު ރޮނގުމަތީގައި ހުރި ވިކްޓަރީގެ ޑިފެންޑަރު ފައިގައި ޖެހިފަ އެވެ.

ނަމަވެސް ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ)ގެ އަތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ޕެނަލްޓީ ނުދިނުމުން ވިކްޓަރީން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. މެޗަށް ފަހު ކޯޗު މުހައްމަދު ނަޒީހު ވެސް ދަނޑަށް ނުކުމެ، ރެފްރީއާ ވަރަށް ބޮޑަށް ވާހަކަ ދެއްކި އެވެ.