ދުނިޔެ

ތުރުކީ ސިފައިން ބަޣާވާތްކޮށް ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަނީ

Jul 16, 2016
2

ތުރުކީ އަސްކަރިއްޔާގެ ބައެއް ފައުޖުތަކުން، ސަރުކާރާ ދެކޮޅަށް ބަޣާވާތްކޮށް ތުރުކީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުން އެބަދެ އެވެ. އަސްކަރިއްޔާއާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ތުރުކީގެ ސަރުކާރު ވައްޓާލުމަށް އަސްކަރިއްޔާގެ ބައެއް ފައުޖުތަކުން ހިންގި ބަޣާވާތް ކާމިޔާބުކޮށް ގައުމު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ސިފައިން ވަނީ ވެރިކަމާ ހަވާލުވެފަ އެވެ.

ގައުމީ ޓީވީ މެދުވެރިކޮށް ސިފައިން ނެރުނު ސްޓޭޓްމަންޓަކާ ހަވާލާދީ ނިއުސް އެޖެންސީތަކުން ބުނަނީ، ސަރުކާރުގެ ބައެއް އިސްވެރިން ހައްޔަރުކޮށް ސިފައިން ގައުމުގެ ފުރިހަމަ ކޮންޓްރޯލް މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެކަން ކުރީ ޑިމޮކްރަސީ އިއާދަ ކުރުމަށާއި އިންސާނީ ހައްގުތައް ދެމެެއްހެއްޓުމަށް ކަމަށް ވެސް ސިފައިން ބުނި ކަމަށް އާރުޓީ އިން ބުނެ އެވެ. އަދި މުޅި ގައުމުގައި ކާފިއު ހިންގައި ގައުމުގެ ކަންކަން ބެލެހެއްޓުމަށް އަސްކަރިއްޔާ އިން ކޮމިޝަނެއް އެކުލަވާލާފައިވާ ކަމަށް ވެސް ސްޓޭޓްމަންޓްގައިވެ އެވެ.

ސިފައިން މިކަން ހިންގި އިރު، ތުރުކީގެ ރިސޯޓް ރަށެއްގައި ޗުއްޓީއެއްގައި ހުންނަވޮ އެރުދުގާން، ސީއެންއެން ޓާކް އަށް ފޭސްޓައިމް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ގައުމުގެ ސަރުކާރު ވައްޓާލުމަށް ސިފައިންގެ މަދު ބަޔަކު ހިންގައިގެން އުޅޭ ކަންތައްތަކުން ގައުމު ސަލާމަތް ކުރުމަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. އަދި އެކަންކަމާ ދެކޮޅަށް ގައުމުގެ ރައްޔިތުން މުޒާހަރާއަށް ނުކުތުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. އަދި އޭނާ އަކީ އަދިވެސް ރައީސް ކަމަށާއި ސިފައިންގެ އިސްވެރިޔާ ކަމަށް ވެސް އަރުދުގާން ވަނީ ވިދާޅުވެފަ އެވެ.

"އަހަންނާ ދެކޮޅަށް ބަޔަކު ބަޣާވާތެއް ނުކުރޭ. އިސްތަބޫލް ނޫނީ އަންކާރާގައި ވަރަށް އަވަހަށް ސަޕޯޓަރުންނާ ބައްދަލު ކުރާނަން،" އަރުދުގާން ވިދާޅުވި އެވެ. ތުރުކީގެ ސަރުކާރު ވެއްޓުނުކަން ވެސް ނުވަތަ ނޫން ކަން ވެސް އަދި ޔަގީނެއް ނުވެ އެވެ.

ތުރުކީގެ ޕްރައިވެޓް ޗެނަލެއް ކަމަށްވާ އެންޓީވީއަށް ތުރުކީގެ ބޮޑުވަޒީރު ވެސް މީގެ ކުރިން ވިދާޅުވީ، ތުރުކީ އަސްކަރިއްޔާގެ ބައެއް ފައުޖުތަކުން ބަޣާވާތެއް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ސަރުކާރުގެ ފުލް ކޮންޓްރޯލް އެބަ އޮތް ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި އެކަމުގައި ބައިވެރިވާ އެންމެންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.

ތުރުކީގެ، އިސްތަންބޫލަށް ދެވެން އޮންނަ މައި ދެ ބްރިޖެއް ވެސް ސިފައިން ވަނީ ބަންދުކޮށްފަ އެވެ. އަދި އިސްތަންބޫލްގެ ވަރަށް ތިރިން މިލިޓްރީ ޖެޓްތައް ވެސް އަންނަނީ އުދުހެމުންނެވެ. އަދި އެ ގައުމުގެ އެއާޕޯޓް ބަންދުކޮށް، ފްލައިޓްތައް ވެސް ކެންސަލްކޮށް ސިފައިން އަންނަނީ ބޮޑެތި މަގުތަކުގައި ހަތިޔާރާއި ޓޭންކާ އެކު ހަރަކާތްތެރިވަމުން ކަމަށް ވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.